ދިވެހިރާއްޖޭގައި، ކޮންމެ ތިން އަންހެނަކުން އެކަކަު ގެވެށި އަނިޔާގެ ޝިކާރައަކަށް ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކޮމިޝަނަރ މުއުމިނާ ވަހީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، 'ދިވެހި ޗެނަލް' ގެ ހަވާސާ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. "ނަފްސާނީ ދުޅަހެޔޮކަން" މި މަޢުޟޫއަށް ވާހަކަދައްކަވަމުން މުއުމިނާ ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެފަދަ އަންހެނުންނަށް ސައިކޮލިޖިކަލް ޑިސްޓްރެސް އެއްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ އަސަރު ކުރާ ކަމަށެވެ.
އަންހެނުންނެކޭ ވެސް އެއްގޮތަށް ފިރިހެނުންނަށް ވެސް ގެވެށިއަނިޔާ ތަހައްމަލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިކަހަލަ މައްސަލަތަކުގެ ސަބަބުން އަންހެނުންނަށް މުޖުތަމައުގެ ރައްކާތެރިކަން ބޭނުންވާކަމަށެވެ.
މިއާއެކު، ޕްރޮގުރާމްގައި ދެން ބައިވެރިވެވަޑައިގެން އެޗްއާރްސީއެމްގެ ކޮމިޝަނަރ ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ދެ ޖިންސަށް ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް އަންހެނުންނަށް ކުރިމަތިވާ ކަންތައްތަކަށް ބަލައިލާއިރު، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ވަރަށް ގިނަ ސަބަބުތައް އެބަ ހުރި ކަމަށެވެ.
"ދިވެހި ރާއްޖެއަށް ބެލި ކަމުގައި ވިޔަސް، ގެވެށި އަނިޔާގެ މައްސަލަތައް ވެސް އެންމެ ބޮޑަށް ތަހައްމަލް މި ކުރަނީ އަންހެނުން. ދިވެހިރާއްޖޭގެ މުޖްތަމައަށް ބަލާކަމަށް ވަންޏާ، ކުދިން ބޮޑުކުރުމާއި މުސްކުޅި ބެލެނިވެރިން ބެލުމުގެ މަަސައްކަތްތައް ވެސް ބޮޑަށް މި ކުރަނީ އަންހެނުން،" ޝިފާތު ވިދާޅުވި އެވެ.
ޝިފާތު ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ޖިސްމާނީ ދުޅަހެޔޮކަން ބޭނުންވާ ފަދައިން، ނަފްސާނީ ދުޅަހެޔޮކަން ވެސް ވަރަށް މުހިންމެވެ.
ޖިސްމާނީ ގޮތުން ބަލިކަމެއް ދިމާވުމުން ޑޮކްޓަރަކަށް ދައްކައިގެން ބޭސްކުރާ ފަދައިން، ނަފްސާނީ އެހީ ބޭނުންވާ ދަނޑިވަޅުގައި އެކަމުގެ މާހިރުންގެ އެހީތެރިކަން ހޯދަންޖެހޭކަމަށް ޝިފާތު ވިދާޅުވިއެވެ.
ޖިސްމާނީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ފަދައިން ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާތު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް