ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސިވިލް ސާވިސް އިން ވަކިކޮށްް، ފޮރިން ސާވިސް އަކީ ވަކި ދާއިރާއަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.
މިބިލު ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. ބިލު ހުށަހަޅުއްވަމުން އަންދުން ހުސައިން ވިދާޅުވީ އެ ބިލް ގާނޫނަކަށް ވުމާއެކު 90 ދުވަސް ތެރޭގައި ފޮރިން ސާވިސްގެ ހުރިިހާ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިވާނެ އެވެ.
މިއަދު ޖަލްސާގައި މި ބިލަށް ބަހުސް ކުރެއްވި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ހުރިހާ މެމްބަރުންހެން ވަނީ ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައި އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވީ ބިލު ފާސްވެ ގާނޫނަކަށް ވުމުން ކެރިއަރެއްގެ ގޮތުގައި ފޮރިން ސާވިސްގެ ދާއިރާ ހިޔާރު ކުރާ މުވައްޒަފުންނަށް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވަޒީފާގެ ބިރާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
އެ ބިލް ގާނޫނަކަށް ވުމުން ރާއްޖޭގެ ފޮރިން ސާވިސްގެ ފެންވަރު ރަނގަޅުވެ، ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ ފޮރިން ސާވިސްއަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި ފޮރިން މިނިސްޓަރަށް ބިލުން މާބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ. އަދި އެކަންކަން ކޮމިޓީ މަރުހަލާގައި އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އަނދުން ހުސައިންގެ ބިލުގައި ވާގޮތުން ބިލުގެ ބޭނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެ އެވެ.
އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް