ނަފްރަތުގެ އަމަލުތައް ގާނޫނީ ކުށަކަށް ހެދުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލަކީ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން އަދި އެކުވެރިކަން ނަގާލާނެ އަމަލުތަކަށް މަގުފަހިކުރުވާނޭ ބިލެއް ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.
ޖަމިއްޔަތުއްސަލަފުން ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދިޔަ 'މިހާލަތުގައި' ޕްރޮގްރާމުގައި އެ ޖަމިއްޔާގެ އިސް ބޭފުޅުންތަކެއް ވަނީ އާންމުން އެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ތަމްސީލުކުރައްވާ މެންބަރުންގެ އަރިހުގައި ކަންބޮޑުވުން ފާޅުކުރުމަށް ގޮވާލައި ބިލުގެ ހަގީގަތާ މެދު ވާހަކަދައްކައި އެފަދަ ބިލަކުން ރާއްޖެ ސެކިއުލަރިޒަމްގެ މަގަށް ދަތުރުކޮށްފާނެތީވެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ނަފްރަތުގެ ބިލަކީ ރާއްޖެ ސެކިއުލަރިޒަމްގެ މަގަށް އަޅުވާނޭ ބިލަކަށްވާއިރު އެ ބިލަކީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ނެތް ހައްގުތަކެއް ގެނުވައިދޭ ބިލެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެބިލުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނީ އަސާސީ ހައްގުތަކެއް ނޫންކަމަށާއި އޭގެ ބަދަލުގައި ރާއްޖެއަށް ކެސީނޯ، ނައިޓްކުލަބުތައް، ޓެޓޫ ޖެހުން އަދި ގައިގެ އެކި ތަންތަން ތޮރުފުން ފަދަ ދީނީ ގޮތުން ނުބައި އަމަލުތައް އައުން މާ ގާތްކަމަށް ޝެއިހް ފިކުރީ ވިދާޅުވި އެވެ.
ގާނޫނުލް އުގޫބަތަށް ހުށަހަޅާފައިވާ އެ އިސްލާހަކީ ސޫފިޒަމް ކަހަލަ ސެކްޓްތައް ރާއްޖޭގައި ޕްރޮމޯޓްކޮށް މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން އަދި އެކުވެރިކަން ނަގާލާނެ އަމަލުތަކަށް މަގުފަހިކުރުވާނޭ ބިލެއްކަމަށް ޝެއިހް ފިކްރީ ވިދާޅުވި އެވެ.
އިސްލާމްދީނަށް ހަޖޫޖަހައި ފުރައްސާރަކުރާ މީހާއާ ދެކޮޅަށް ވާހަކަދައްކައި، އަޑުއުފުލައި ދީނުގެ މަތީގައި ދެމިހުންނަ މީހާއަށް އެ ބިލުގެ ސަބަބުން އަދަބު ލިބޭނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް