ކްރިމިނަލް ކޯޓު 14 ދުވަހުގެ (ދެ ހަފުތާގެ) ރިސެސްއަކަށް ދިއުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ރިސެސްއަށް ދިޔައީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އެ މުއްދަތުގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަން ޖެހޭ ހާއްސަ ޝަރީއަތްތައް އެކަނި ކަމަށް ބުނެފައިވެ އެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމުގެ އިތުރުން ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް އެ މުއްދަތު ތެރޭގައި ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ރިސެސްގައި އޮންނަ މުއްދަތުގައި އެ ކޯޓުން ގިނަ މަސައްކްތަކެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި އެވެ. އޭގެ ތެރޭގައި ކޯޓުގެ ލީގަލް އޮފިސަރުންނަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ގުޅޭ ތަމްރީނު ހިންގުން ހިމެނެ އެވެ.
އަދި ގާޒީން ބައިވެރިވާ ގޮތަށް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުން ހިމެނެ އެވެ. ބަހުގެ ހަމަތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވުރިކުރުމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ތަމްރީނު ފްރޮގްރާމެއް ހިންގުން ހިމެނެ އެވެ.
މީގެ އިތުރުން އެ ކޯޓުގެ މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ ގުޅިގެން ޑީޖޭއޭ މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް