ޑެންގީ ބަލިޖެހޭ މީހުންނަށް ފަރުވާއަކަށް ފަޅޯފަތުގެ ދިޔަ ބޭނުންކުރެވިދާނެކަމަށް ސޯޝަލް މީޑިއާގައި އަދި ބައެއް މީޑީއާތަކުގައި ހަބަރުފަތުރަމުން އަންނައިރު އެކަން އެގޮތަށް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
މިކަމާގުޅޭގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަޅޯފަތުގެ ދިޔައިން ޑެންގީ ބައްޔަށް ފުރިހަމަ ފަރުވާ ލިބޭކަމަށް އެކަށީގެންވާ ސައިންޓިފިކް ހޯދުންތަކުން މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ޑެންގީގެ ފަރުވާއަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް މިފަދަ އެއްޗެއް ބޭނުންކުރުމަށް އިރުޝާދު ނުދެއްވާކަމަށް އެ ބަޔާނުގައި ވެ އެވެ.
"ފަޅޯފަތުގެ ދިޔައިން ޕްލޭޓްލެޓް ކޮންމެވެސް ވަރަކަށް އިތުރުވާކަމަށް ބައެއް ސްޓަޑީތަކުގައި ފެނޭ، ނަމަވެސް ޑެންގީގެ އެންމެ މުހިންމު ފަރުވާއަކީ ބަލިމީހާއަށް ބޭނުންވާ މިންވަރަށް ދިޔާތަކެތި ދިނުން" އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ޕީޑިއަޓްރިޝަން ޑރ. ފައިސަލް ވިދާޅުވެ އެވެ.
މީގެ އިތުރުން ޑޮކްޓަރީ ފަރުވާ ނުހޯދައި، މިހާތަނަށް ސައިންސުން ކަށަވަރުނުވާ މިފަދަ ފަރުވާއެއް ދޭން ގޭގައި މަޑުކުރުމުން، ބަލިމީހާ ނުރައްކާތެރި ހާލަތަކަށް ދާއިރު ފަރުވާ ހޯދުމަށް ލަސްވުން އެކަށީގެންވާ ކަމަށާއި ނުރައްކާތެރި ހާލަތްތަކުގައި ވަގުތުން ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާކަމަށްވެސް ޑރ. ފައިސަލް ވިދާޅުވެފައި ވެ އެވެ.
އެޗްޕީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑެންގީއަށް މިހާރު ހޮސްޕިޓަލްތަކުގައި ދެމުންދާ ފަރުވާއަކީ ތަހުލީލުތަކާއި ހޯދުންތަކުން މިވަގުތު މި ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށެވެ. ރާއްޖޭގައިވެސް ޑެންގީއަށް ފަރުވާ ދެމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް