ދާއިމީކޮށް ފުލުހުންގެ ހިދުމަތް ނުދެވޭ ރަށްރަށުގައި ރޯދަމަހާ ދިމާކޮށް ވަގުތީގޮތުން ހިދުމަތްދޭން ފަށައިފި

މިހާތަނަށް ފުލުހުންގެ ޚިދުމަތް ދާޢިމީ ގޮތެއްގައި ޤާއިމް ކުރެވިފައި ނުވާ ބައެއް ރަށްރަށުގައި ރަމްޟާންމަހު ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެރަށްރަށުގައި ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއ...

28 Jun 2015 | 07:00

މިހާތަނަށް ފުލުހުންގެ ޚިދުމަތް ދާޢިމީ ގޮތެއްގައި ޤާއިމް ކުރެވިފައި ނުވާ ބައެއް ރަށްރަށުގައި ރަމްޟާންމަހު ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެރަށްރަށުގައި ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ބަރަކާތްތެރި ރަމްޟާންމަހަކީ ރައްޔިތުންނަށް ރައްކާތެރިކަމާ ހިތްހަމަޖެހުން ލިބިދީފައިވާ މައްސަރަކަށް ހެދުމަށް ފުލުހުންގެ މަސައްކަތަށް އަތޮޅުތަކުގައި ގެނެވިފައިވާ މިބަދަލުގައި ވަގުތީ ގޮތުން ފުލުހުން ބައިތިއްބަން ހަމަޖެހިފައިވަނީ ދާޢިމީ ގޮތެއްގައި ފުލުހުން ނެތްނަމަވެސް އެފަދަ ރަށްރަށަކީ ފުލުހުން ތިބުމުގެ މުހިއްމުކަން ބޮޑުކަމަށް ފެންނަ ރަށްރަށުގައި ކަމަށެވެ. މިގޮތުން ފުލުހުން ތިބޭނެ ރަށްރަށް ކަނޑައެޅުމުގައި ޖިއޮގްރަފީގޮތުން ރަށް އޮންނަ ސަރަޙައްދާ ރަށުގެ އާބާދީ އަދި ކުށުގެ ނިސްބަތަށް ބަލާފައި ވާނެކަމަށް ފުލުހުން ހާމަކުރެ އެވެ.

"ފުލުހުން ދާޢިމީ ގޮތެއްގައި ނެތް ރަށްރަށުގައި ރަމްޟާންމަހު ފުލުހުން ބޭއްތިބުމުގެ މަސައްކަތް ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުން ފަށާފައިވާއިރު މިހާރު ވަނީ ހއ. އުލިގަމާއި، ނ. ކެނދިކޮޅުދޫ އާއި، ރ. މަޑުއްވަރީ އާއި، ލ. މާބައިދޫ ގައި ވަގުތީ ގޮތުން ފުލުހުން ބައިތިއްބައި ފުލުހުންގެ ޚިދުމަތް އެރަށްރަށުގައި ދޭން ފަށާފަ" ޕޮލިސް ވެބްސައިޓްގައި ބުނެފައިވެ އެވެ.

ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެރަށްރަށުގެ ރަށުކައުންސިލާއި އެރަށެއް ހިމެނޭ ޑިވިޜަން ކޮމާންޑަރުގެ ބެއްލެވުމުގެ ދަށުން ކަމަށާއި މިގޮތުން ފުލުހުން އެރަށްރަށުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސައިދެއްވަނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ޚިދުމަތް ރަމްޟާން މަހު ވަގުތީ ގޮތުން ބައެއް ރަށްރަށުގައި ފަށާފައިވާއިރު، ހަފްތާ ބަންދާ ދިމާކޮށް އަދި ރަސްމީ ދުވަސްތަކުގައިވެސް، ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިފައިނެތް ރަށްރަށަށް ފުލުހުން ގޮސް އެރަށްރަށުގައި ރައްކާތެރިކަން ދަމަހައްޓައި ކުށުގެ ނިސްބަތް މަދުކޮށް ރައްޔިތުންގެ ހޭލުންތެރިކަމަށް ހިންގަންޖެހޭ އޮޕަރޭޝަންތަކާ ޙަރަކާތްތައް ހިންގާނެ ކަމުގައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުން މަޢުލޫމާތު ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް