މި ހިނގާ ޖޫން މަހުގެ ތެރޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު 179 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްސަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޑެންގީހުން ޖެހިގެން މި މަސްތެރޭގައި ދެމީހަކު މަރުވެފައިވާއިރު އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތެރޭގައި 418 މީހަކަށް މި ބަލިވަނީ ޖެހިފަ އެވެ. މިދިޔަ އަހަރު ޖޫން މަހާ ހަމައަށް 448 މީހަކަށް ޑެންގީ ހުން ޖެހުނު ކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެއިން 91 މީހަކަށް ޑެންގީހުން ޖެހިފައިވާއިރު ހުޅުމާލެއިން 19 މީހަކަށް ރ އަތޮޅުން 14 މީހަކަށް ބ އަދި ށ އަތޮޅުން 13 މީހަކަށް މިބަލި ޖެހިފައި ވެ އެވެ.
އެޗްޕީއޭއިން މީގެ ކުރިން ނެރެފައިވާ ހެލްތް އެލާޓެއްގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން އަދި ވައިރަލް ހުން އިތުރުވަމުންދާތީ ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ މަދިރިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މަދިރި މަދުކުރުމަށް މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމަށް އެދޭ ކަމަށެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ހަފްތާއަކު އެއްފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި ފެންހުސްކޮށް ސާފުކުރުމާއި، ގޯތިތެރެއާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިން ތަކަށް ކުނި އުކާލުން އަދި ކުނިއުކާލާ ޑަސްބިންފަދަ ތަކެތި ފެން ނޭޅޭ ގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުމާއި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާފަދަ ގޮތަށް ހެދުން އެޅުމުގެ އިތުރުން މަދިރި ލޯޝަންއާ މޮސްކިޓޯ ރެޕެލެންޓް ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް