އިސްރާއީލުން ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިނަމަ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް އިންޑޮނޭޝިއާއިން ވިސްނާނެ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
މި ވާހަކަފުޅު ދައްކަވާފައިވަނީ ޖަކާރޓާގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދުނިޔޭގެ އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމު ކަމުގައިވާ އިންޑޮނޭޝިއާއިން ވަނީ ދެ ދައުލަތުގެ ހައްލަށް ދިގު މުއްދަތެއް ވަންދެން ތާއީދުކުރަމުން އައިސްފައެވެ. އަދި އިސްރާއީލާއެކު ރަސްމީ އެއްވެސް ގުޅުމެއްވެސް އެގައުމުން ގާއިމް ކޮށްފައެއް ނުވެއެވެ. "ފަލަސްޠީނުގެ މިނިވަންކަމަކީ ހަޤީޤީ ސުލްޙަ ހޯދުމަށް އޮތް ހަމައެކަނި މަގު" ކަމަށް ޕްރަބޯވޯ ވިދާޅުވިއެވެ. އަދި އިސްރާއީލުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމަށްވެސް ޕްރަބޯވޯ އަލިއަޅުވާލެއްވިއެވެ.
އިސްރާއީލާއި ފަލަސްޠީނު ދެދައުލަތް ބަލައިގަތުމަށް އާ މަސައްކަތްތަކެއް ކުރުމަށް އިންޑޮނޭޝިއާ އާއި ފްރާންސްއިން ގޮވާލައި، އެކުގައި ބަޔާނެއް ނެރެފައިވެއެވެ. ދެ ދައުލަތުގެ ހައްލަށް އަމާޒުކޮށްގެން އަންނަ މަހު ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ މި ދެ ޤައުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް