ދިވެހިރާއްޖޭގެ މާލީ ސިނާއަތަށް އައު ދެ ބޭންކް ވަންނަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ޓިއަރ 1 ބޭންކަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ، 19 މެއި 2025 ގައި ދޫކޮށްފިއެވެ. އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކް (އެމްއެފްއެލްބީ) އާއި ބީ...

28 May 2025 | 06:48

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ޓިއަރ 1 ބޭންކަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ، 19 މެއި 2025 ގައި ދޫކޮށްފިއެވެ.

އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކް (އެމްއެފްއެލްބީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް އެވެ.

މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެމްއެމްއޭ އިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި މިއީ މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

މާރކެޓަށް ވަންނަ ދެ އައު ޓިއަރ 1 ބޭންކު

ފަށައިގަތުމުގެ ހުއްދަ ދެވިފައިވާ މުއައްސަސާތަކަކީ:

  • މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) - މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކް (އެމްއެފްއެލްބީ) ގެ އައު ނަމުގައި ފުރިހަމަ ޓިއަރ 1 ބޭންކަކަށް ބަދަލުވުމަށް.
  • ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކެއް ޤާއިމުކުރުމަށް.

ޓިއަރ 1 ބޭންކަކީ ކޮބާ؟

ދިވެހިރާއްޖޭގައި ޓިއަރ 1 ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަދީފައިވާ ހުރިހާ ބޭންކިންގ ޙަރަކާތްތަކެއް ހިންގުމުގެ ލައިސަންސް ލިބިފައިވާ ބޭންކެކެވެ. މީގެ ތެރޭގައި ޑިޕޮސިޓް ބަލައިގަތުމާއި، ލޯނު ދޫކުރުމާއި، ކްރެޑިޓް ފެސިލިޓީތައް ފޯރުކޮށްދިނުން ހިމެނެއެވެ. ރީޓެއިލް ކަސްޓަމަރުންނަށް އާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އަމިއްލަ ލޯނު، މޯގޭޖް ފައިނޭންސިންގ، ލީސިންގ ޕްރޮޑަކްޓްތައް އަދި ޑެބިޓް އަދި ކްރެޑިޓް ކާޑު ޚިދުމަތްތައް ހިމެނެއެވެ.

އެމްއެފްއެލްސީ އިން އެމްއެފްއެލްބީ އަށް

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އަކީ މިހާރު ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ހިންގާ ކުންފުންޏެކެވެ. މިކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ކަމުގައިވާ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް (ޓީޓީއައިއެލް) އަކީ ރާއްޖޭގެ ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ވިޔަފާރިވެރިންތަކެއް ގުޅިގެން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

ޓީޓީއައިއެލް އަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ލޯކަލް ޖޮއިންޓް ވެންޗަރ ޕާޓްނަރ ވެސް މެއެވެ. މި ބޭންކު 26 ސެޕްޓެމްބަރ 2016 ގައި ހިންގަން ފަށައި، އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ކޯޕަރޭޓް ކްލައެންޓުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މިއީ ކޮމާޝަލް ބޭންކް އޮފް ސިލޯން ޕލކ (ސީބީސީ) އާ ގުޅިގެން ހިންގާ ޖޮއިންޓް ވެންޗަރ އެކެވެ. މި ބޭންކުގައި ސީބީސީގެ 55% ހިއްސާ އޮންނައިރު، ޓީޓީއައިއެލްގެ 45% ހިއްސާ އޮވެއެވެ.

ބީއައިސީ ބޭންކް މޯލްޑިވްސް

ބީއައިސީ ބޭންކް މޯލްޑިވްސްއަށްވެސް ޓިއަރ 1 ބޭންކެއްގެ ގޮތުގައި ހިންގަން ފެށުމުގެ ހުއްދަ އެމްއެމްއޭއިން ދީފައިވެއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ވިޔަފާރި ޕޯޓަލްގައި މި ކުންފުނި އަދި ލިސްޓުކުރެވިފައި ނުވާތީ މިކުންފުނީގެ ހިއްސާދާރުން އަދި ޑައިރެކްޓަރުންގެ މައުލޫމާތު މިވަގުތު އެނގޭކަށް ނެތެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭގޮތުގައި މިބޭންކަށް ދޫކުރި ލައިސަންސް ބަލައިގަތީ ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އާއިޝާ ނޫރައިން ޖަނާހްއެވެ.

އާއިޝާ ނޫރައިން ޖަނާހަކީ ދިވެހިރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިޔާ ކަމަށްވާ މުޙައްމަދު ޢަލީ ޖަނާހުގެ ދަރިކަނބަލެކެވެ. ޖަނާހަކީ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ގެ ބާނީ އަދި ޗެއަރމަންއެވެ. ޖަނާހަކީ މިވަގުތު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރައީސް ވެސްމެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް