ތޫފާން ރީމަލްގައި ހުއްޓުމެއްނެތި ވެހެމުން އަންނަ ވިއްސާރައިގާ ބިންގަނޑު ކަނޑައިގެން ގޮސް އުސް ހިސާބަކުން ވެއްޔާއެކު ހިލަތަކެއް ފައިބާ ހިނގި ހިތާމަވެރި ހާދިސާއެއްގައި 21 މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އައްސާމް، ނާގަލޭންޑް ސަރަހައްދުގައެވެ. މި ހާދިސާއާއި ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މިހާތަނަށް 21 މީހެއްގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައިވާކަމަށާއި އަދި ހަމަ އެހެންމެ އަށް މީހަކު ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި އަދަދުތައް އެކި ނޫސްތަކުގައި ތަފާތުކޮށް ހުރުމުން އަދަދުތައް ސީދާ ކަށަވަރެއް ނޫނެވެ. އެހެންނަމަވެސް ގިނަ ނޫސްތަކުގައި ބުނެފައިވަނީ 21 މަރު އަދި އަށް މީހަކު ގެއްލިފައިވާކަމަށެވެ.
މި އަދަދު ތަކާއެކު ތޫފާން ރީމަލްއާއި ގުޅުންހުރި މަރުގެ އަދަދު މިހާރު ވަނީ 50 އިން މައްޗަށް ގޮސްފައެވެ. އެއީ ބަންގްލަދޭޝް އާއި އިންޑިއާ ހިމެނޭހެންނެވެ.
ތޫފާން ރީމަލް އާއި ގުޅޭ ހިތާމަވެރި އެތައް ހާދިސާއެއް ހިނގަމުން އަންނައިރު ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާކަމަށާއި ދެން ދާނީ އިތުރަށް ދަށްވަމުން ކަމުގައި އިންޑިއާގެ މެޓުން ބުނެފައިވެއެވެ.
ތޫފާން ރީމަލް އަކީ ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑެއް އިތުރަށް ބާރުގަދަވެ އުފެދުނު ތުފާނެކެވެ. މި ތޫފާނަށް "ރީމަލް" މި ނަން ދީފައިވަނީ އޮމާނުންނެވެ. މާނައަކީ ވެއްޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް