ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ނެރުނު "މޫސުމާއިބެހޭ ޚަބަރު" ގައެވެ.
މެޓުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް، ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
"އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ" މެޓުން ބުނެފައިވެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށާއި އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް