މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން ބުނެފައިވާގޮތުގައި ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމްގައި މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ބައިވެރިވެވޭނެއެވެ.
"މި ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓުން ހިންގާ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޖޫން 25 އިން 3 އޯގަސްޓް 2023 ވަނަ ދުވަހާ ހަމައަށެވެ." އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމެވެ. މީގެ އިތުރުން، ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމަކީވެސް މި ޕްރޮގްރާމްގެ ބޭނުމެއް ކަމުގައި އެމްޕީއެލްއިން ބުނެއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމްގައި ހިމެނޭ ދާއިރާތައް:
- މެކޭނިކަލް އިންޖިނިއަރިން
- ސިވިލް އިންޖިނިއަރިން
- މެރީން އިންޖިނިއަރިން
- އިލެކްޓްރިކަލް އިންޖިނިއަރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)
- ބިޒްނަސް ޑިވެލޮޕްމަންޓް
- މާކެޓިން
އެމްޕީއެލްއިން ބުނެފައިވާގޮތުގައި ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހަމަޖައްސާނެއެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރިންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް 31 މެއި 2023 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ފޯމް https://rb.gy/uv2s0 އިން ލިބޭނެކަމުގައިވެސް އެމްޕީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް