ވިއަވަތި ކޮންފަރެންސްގައި ސިޓީ ކައުންސިލް ބައިވެރިނުވުން، ދައްކަނީ ތަފާތު ދެ ވާހަކައެއް!

މިއަދު އއ. އުކުޅަކުގައި ފެށުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރި ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. މި ކޮންފަރެންސަކީ ސިޓީ، އަތޮޅު އަދި ރަށު ކައުނ...

28 May 2022 | 13:33

މިއަދު އއ. އުކުޅަކުގައި ފެށުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރި ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި ކޮންފަރެންސަކީ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި ސަރުކާރު ބައިވެރިވެގެން ކުރިޔަށް ގެންދާ ބޮޑު ކޮންފަރެންސެކެވެ. މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އޮންނަ މި ކޮންފަރެންސްގައި ލާމަރުކަޒީ އުސޫލުން ގައުމުގަ އަމަލު ކުރާނެ ގޮތާއި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޟްވަރާކޮށް ގޮތްތައް ދަނީ ނިންމަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ މި ފަދަ ބޮޑު ކަމެއްގައި ސިޓީ ކައުންސިލުން ބައިވެރިވާން ޝައުގުވެރިވާ ކައުންސިލަރަކު ނެތް ކަމަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. މި ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު ކައުންސިލްތަކަށް ދިނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި ސިޓީ ކައުންސިލުން އެ އޮފީހަށް ޖަވާބު ފޮނުވީ މިދިޔަ ހޯމަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ސަރުކާރުގެ މި ވާހަކަތަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރި އަހުމަދު ނަރީޝް މީޑިއާގައި ވިދާޅުވީ ސަރުކާރުން ދައުވަތު ދިނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް އެކަނި ކަމަށެވެ. އިތުރު ކައުންސިލަރަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް ކަމެއް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މޭޔަރު ހުންނެވީ އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ކަމުން ކޮންފަރެންސްގައި ބައިވެރި ނުވެވުނީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ މާލޭ ސިޓީ ކައުންސިލުން، ވިއަވަތި ރާއްޖެ ކޮންފަރެންސް ބޮއިކޯޓް ކުރީ ކަމަށް ނުބެލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް