އިންޑީއާ އައުޓް ކޯޓު އަމުރާއި، އޭސީޕީ ރިޔާޒާއި ގުޅުވައި ދެއްކި ވާހަކަ ފުލުހުން ދޮގުކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ހޯދީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަންގައިގެން ކަމަށް ...

28 May 2022 | 09:26

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ހޯދީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަންގައިގެން ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުންގެ އިދާރާ އިން މިއަދު ދޮގުކޮށްފި އެވެ.

މި މައުލޫމާތު ރިޕޯޓު ކުރީ އޮންލައިން ނޫސް "ދިޔަރެސް" އިންނެވެ. ދިޔަރެސްއިން ބުނެފައިވާ ގޮތުގައި ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގް ބޭނުން ކުރައްވައިގެން، އަމުރަށް އެދިވަޑައިގެންނެވީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އޭސީޕީ ރިޔާޒު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެ އަމުރަކަށް އެދުމުން އެ އޮފިސަރެއްގެ ސުޕަވައިޒަރު، އެޕްރޫވްކޮށް، ކޯޓު އަމުރު "ރިކުއެސްޓް ކޮމްޕިއުޓާ ސިސްޓަމް" އިން ހެދޭ ގޮތަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޔާމީން އިސްވެ ހިންގާ ކެމްޕެއިންގެ ބެނާ، އެ މަނިކުފާނުގެ ގެކޮޅުން ނެގުމަށް ވެސް އަމަލުކުރީ ހަމަ އެގޮތަށް ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"ދިޔަރެސް" ގައި ލިޔުނު ޚަބަރުގައި ފުލުހުންގެ މީޑިއާ އިން އެ މައްސަލައިގައި ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެފައިވާތީ، ފުލުހުން ބުނީ އެކަމާ ގުޅޭ ސުވާލެއް ލިބިފައި ވަނީ އިއްޔެ ހެނދުނު 10:11 ގައި ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދެ ފޯނު ނަމްބަރެއް ދީފައިވީ ނަމަވެސް އެއިން އެއްވެސް ނަމްބަރަކަށް ގުޅުމެއް ނެތި ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ޖަވާބެއް ނުލިބުނު ކަމަށް ބުނެ ލިޔުނު ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ގޮތްތައް ބޭނުންކޮށްގެން އެކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގަ ފުލުހުން ބުންޏެވެ.

ފުލުހުން އެދުނީ ފުލުހުންގެ މަސައްކަތާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް