ރާއްޖެ ލާމަރުކަޒު ވާއިރު، މާލޭގެ ތޮއްޖެހުންކުޑަވެ، އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސްވާނެ: ރައީސް

މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ...

28 May 2022 | 08:27

މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސް ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށެވެ. ދެވަނަ ބޭނުމަކީ، މާލޭގައި އޮތް ތޮއްޖެހުމަށް ލުއިކަމެއް ގެނެސްދީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުންކަމަށް ވިދާޅުވި އެވެ.

އެގޮތުން ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން  ކައުންސިލުތަކާއެކު މަޝްވަރާކުރެއްވުމަށް ޖުމްލަ 77 ބައްދަލުވުން ބާއްވަވާފައިވާކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިފައިވާކަމުގައެވެ. އެގޮތުން ހުރިހާ ކައުންސިލުތަކަށް ވެސް ކުރިމަތިވަނީ ދާދީ އެއްކަހަލަ ގޮންޖެހުންތަކެއްކަން ބައެއް މިސާލާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން ހިމެނޭނެކަން ފާހަގަކުރެއްވިއެވެ. އަދި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ޙައްލު ހޯދޭނެގޮތެއް ހޯއްދެވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ހަމަ އެހެންމެ، ފެންވަރު ރަނގަޅު ތަޢުލީމާއި ޓާޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި ރާއްޖެ ޓްރާންސްޕޯރޓް ލިންކުން ގުޅައިލުންފަދަ މި ސަރުކާރުގެ ތަރައްޤީގެ އެންމެހާ ކަންކަމާއި ސިޔާސަތުތައް ގުޅެނީ ލާމަރުކަޒީ ނިޒާމާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް