ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު. ހ. ދޫވެހީގައި އިންޑިއާ އައުޓް ބެނާ ނެގި މައްސަލައިގަ ހުކުމް އިއްވުން މާދަމާއަށް ތާވަލު ކޮށްފި އެވެ.
އެ ގޭގައި ނެގި ބެނާ ކްރިމިނަލް ކޯޓުގެ އަމުރަށް ފުލުހުން ނެގީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ އަމުރު އިދިކޮޅު ޕީޕީއެމުން އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މައްސަލައިގަ ހުކުމް އިއްވުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު ފަހު އެވެ.
މި މައްސަލައިގަ މިދިޔަ ހަފްތާގައި ބޭއްވި އަޑު އެހުމުގައި ކަން ހިނގާދިޔަ ގޮތުން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ. އެ ދުވަހު ފަނޑިޔާރުން ވަނީ ހިޔާލު ފާޅު ކުރުމުގެ ގޮތުން ޖަހާ ބެނާއެއް ނެގުމާއި ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެކަމަކު ފުލުހުން އެ ސުވާލުތަކަށް ސީދާ ޖަވާބުދީފައެއް ނުވެ އެވެ.
އެ މައްސަލަ ނިމޭ ގޮތަކުން، އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފުލުހުން އަޅާ ފިޔަވަޅުތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
އިދިކޮޅުން ބުނަމުން ދަނީ ފުލުހުން އެ ބެނާތައް ނެގީ ގާނޫނާއި ހިލާފަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް