ކ. ހުރާ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހުރާ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ހުރާ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ހުރާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެ ރަށުގައި ފަށާފައިވާ ކަމަށެވެ.
މިއަދު ހުރާ މޮނިޓަރިންގެ ހާލަތަށް ގެނައި އިރު އޭގެ ކުރިން އެންމެ ފަހުން މޮނިޓަރިންގެ ހާތަލަށް ގެނެސްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު މ. ވޭވަށެވެ. މި ރަށްތަކާއި އެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި 72 ރަށެއް އެބައޮތެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ޅ. ނައިފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން އަލަށް އެކުލަވާލި ގައިޑްލައިންގެ ދަށުން މޮނިޓަރިންއަށް ލާ ހުރިހާ ރަށެއްގައި ކާފިއު ހިންގާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އަދި މީގެ ތެރެއިން ކޯވިޑް ބޮޑަށް ފެތުރެމުންދާ ރަށްތަކުގައި ކާފިއު ވަގުތު ދަނީ އިިތުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް