މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ ބިލު މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވަން ދައުލަތުން ރަސްމީ ގެކޮޅަަކާއި މުވައްޒަފުން ހަމަޖައްސައި ދިނުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހ...

28 May 2021 | 16:32

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވަން ދައުލަތުން ރަސްމީ ގެކޮޅަަކާއި މުވައްޒަފުން ހަމަޖައްސައި ދިނުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިފަދަ ބިލެއް އެކުލަވާލާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެގޮތަށް ލަފާ ދެއްވުމުންނެވެ. މިގޮތަށް ލަފާދެއްވާފައި މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދީފައި ވަނިކޮށެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ގެކޮޅެއް ހަމަޖައްސައި ދިނުމުގެ އިތުރުން އެމްއެންޑީއެފް އިން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ އެވެ. އަދި އެ ގޭގައި އެ ބޭފުޅުންގެ ދަރިންނާއި އަނބިންނާއި މަންމަ އަދި ބައްޕައަށް ދިރިއުޅެވޭނެ ކަމަށް އެ ދެ ބިލުގައިވެ އެވެ.

އެ ދެ ބިލުގައިވާ ގޮތުން އެ ދެ ގެއަށް ދައުލަތުގެ ޚަރަދުގައި މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހޭނެ އެވެ. މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅުގެ މުވައްޒަފުންގެ ކަންކަން މަޖިލީހުގެ އިދާރާއިން ބަލަހައްޓަން ޖެހޭނެ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ ގެކޮޅުގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާނީ ސުޕްރީމް ކޯޓުން ކަމަށް އެ ބިލުގައިވެ އެވެ.

މިހާރު ދައުލަތުން ރަސްމީ ގެކޮޅާއި ހަރަދު ހަމަޖައްސައިދެމުން ދަނީ ރައީސާއި ނައިބު ރައީސަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ގެކޮޅާއި ހަރަދު ހަމަޖެއްސުމަށް ރައީސް އެންގެވީ ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި އެވެ.

މިހާތަނަށް އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ގެކޮޅަކާއި ހަރަދު ހަމަޖައްސައި ނުދިނަސް ކާރުކޮޅަކާއި އެމްއެންޑީެފްގެ ސެކިއުރިޓީ ދައުލަތުން ފޯރުކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް