މާލޭގައި މިސްކިތަކަށް އަރައި ނަމާދު ކުރި ކަމަށް ބުނެ 1،000 ރުފިޔާއިން ޖޫރިމަނާ ކުރިކަމަށް ބުނެ މީހަކުވަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
އޭނާ ކޮށްފައިވާ ޕޯސްޓުގައި ވަނީ ގެއިން ބޭރުގައި އުޅުމަށް ފުލުހުން ދޫކޮށްފައިވާ ހުއްދަ އާއި ވެހިކަލް ހުއްދަ އާއި ދެ ފާސް އޭނާ އަތުގައި އޮންނަކަމަށް ހެކި ދެއްކުމުގެ ގޮތުން ދެ ފާހުގެ ފޮޓޯއެއް އާންމު ކޮށްފައި އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އެމީހާ ގަލޮޅު ފުރުޤާން މިސްކިތުން ފައިބަނިކޮށް މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު މިސްކިތައް އެރީ ނަމާދު ކުރަންތޯ ސުވާޅު ކުރި ކަމަށެވެ.
އޭގެ 10 ވަރަކަށް މިނެޓު ފަހުން ފޯނަށް އައީ ބޭރުގައި އުޅުމުގެ ހުއްދަ ހުއްދަ ނެތި ބޭރުގައި އުޅުމުން 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމުގެ ވާހަކަ ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް މައުލޫމާތު ސާފު ކުރަން ގުޅުން ދިން ޖަވާބަކީ މިސްކިތަށް ނަމާދަށް އެރުމުމަކީ މަނާ ކަމެއް ކަމަށް އެމީހާ ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ހިތް ހަމަ ނުޖެހުން ފާޅު ކުރަން ފެށުމުން މިސްކިތައް އަރައިގެން ކިތައް މީހުން ޖޫރިމަނާ ކުރިތޯ ނޫސްވެރިން ފުލުހުންނާއި ސުވާލު ކުރުމުން ބުނީ މިސްކިތައް އަރައިގެން މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެމީހާގެ ކުށަކީ މިސްކިތުގައި ނަމާދު ކުރުން ކަމަށް ވެދާނެ އެވެ.
ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އޮތީ މެދުކަނޑާލާފައި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ވަނީ މިސްކިތްތައް ބަންދު ކޮށްފައި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމުންވެސް މީހުން މިސްކިތްތަކުގައި ނަމާދު ކުރާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް