ހަރުކަށި ފިކުރާއި ދެކޮޅު އޮޕަރޭޝަން: އިތުރު ތިން މީހުން ހައްޔަރުކޮށްފި

ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ތުހުމަތުކޮށް އިތުރު ތިން މީހުން ހައްޔަރު ކޮށްފި އެވެ. ހަރުކަށި ފިކުރުގެ މީހުން ހޯދަން ހާއްސަކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މ...

28 May 2021 | 14:50

ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ތުހުމަތުކޮށް އިތުރު ތިން މީހުން ހައްޔަރު ކޮށްފި އެވެ.

ހަރުކަށި ފިކުރުގެ މީހުން ހޯދަން ހާއްސަކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ. އެ ހަމަލާ ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ތުހުމަތުކޮށް އެ ތިން މީހުން ހައްޔަރު ކުރީ އިއްޔެ އާއި ރޭ ހިންގި އޮޕަރޭޝަންތަކުގައި ކަމަށެވެ. މި އޮޕަރޭޝަންތަކުގަިއ ފުލުހުން ވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏެއްވެސް ބަލާފައި ކަމަށްވެ އެވެ.

އެމީހުން ހައްޔަރު ކުރުން ފިޔަވާ ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެރޭ ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.

އެ ހަމަލާ އާއި ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް ކުރެއްވި އެވެ. އަދި އެ ހޮސްޕިޓަލުގައި ހަ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނުވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ލިބުނު ޒަހަމް ތަކަށް ނަޝީދަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ދެން ހައްޔަރުކޮށްފައިވަނީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް