ކޮވިޑް-19 އަކީ އިންސާނުން ތައްޔާރު ކޮށްފައިވާ ވައިރަހެއް ކަމަށް ބުނާ ޕޯސްޓުތައް ދެން ފޭސްބުކަކުން ނުނަގާނެ

ކޮވިޑު 19އަކީ އިންސާނުންގެ ފަރާތުން ވުޖޫދު ވެފައިވާ ވައިރަހެއް ކަމަށް ނުވަތަ  މި ވައިރަސް ތައްޔާރު ކޮށްފައި ވަނީ އިންސާނުން ކަމަށް ބުނާ ޕޯސްޓުތައް މީގެ ފަހުން އެ މަންސައިން ނުނަގާނެ ކަމަށް ފޭސްބުކް މީ...

28 May 2021 | 10:08

ކޮވިޑު 19އަކީ އިންސާނުންގެ ފަރާތުން ވުޖޫދު ވެފައިވާ ވައިރަހެއް ކަމަށް ނުވަތަ  މި ވައިރަސް ތައްޔާރު ކޮށްފައި ވަނީ އިންސާނުން ކަމަށް ބުނާ ޕޯސްޓުތައް މީގެ ފަހުން އެ މަންސައިން ނުނަގާނެ ކަމަށް ފޭސްބުކް މީސްމީޑިއާ މަންސައިން ބުނެފިއެެވެ.

ފޭސްބުކުން ބުނީ، މި ގޮތަށް ނިންމާފައި ވަނީ، ކޮވިޑު 19 ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ ތަޙްޤީޤްތަކާއި ގުޅިގެން، ޕަބްލިކް ހެލްތާއި ބެހޭ މާހިރުންގެ ރަޢުޔު ހޯދުމަށް ފަހުގައި ކަމަށެވެ.ފޭސްބުކް ގެ މި ނިންމުން އާންމު ކޮށްފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑު19 ގެ އަސްލު ހޯދުމަށް ގޮވާލާ، އިދާރާތަކަށް ޕްެރެޝަރު ބޮޑު ވަމުން ދާ ދަނޑިވަޅެއްގައެވެ.ހަމަ މިއާއިއެކު،ކޮވިޑަކީ ލެބަކުން ވުޖޫދު ވެފައިވާ ވައިރަސްއެއް ކަމަށް ބުނާ ތިއަރީއެއްވެސް އަންނަނީ ދައުރު ވަމުންނެވެ.

ކޮވިޑަކީ އާލަމީ ވަބާއެއް ކަމަށް ކަނޑައެޅި ފަހުން، ފޭސްބުކުން އަންނަނީ އެ މަންސައިގައި ކޮވިޑާއި ގުޅޭ ގޮތުން ކުރާ ޕޯސްޓުތަކާއި ގުޅިގެން އެ މަންސައިން ގެންގުޅޭ އުސޫލު އެކި ފަހަރު މަތިން އެކި ގޮތަށް ބަދަލު ކުރަމުންނެވެ.އެގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު، ފޭސްބުކުގައި ކޮވިޑަކީ ޗައިނާގެ ލެބެއްގައި ތައްޔާރު ކޮށްފައިވާ ވައިރަހެއް ކަމަށް ބުނެ ކުރާ ޕޯސްޓުތައް އެ މަންސައިން ނަގާނެ ކަމަށް ވަނީ ހާމަ ކޮށްފައެވެ.މީގެ އިތުރުން، ވެކްސިންއަކީ މަސައްކަތް ނުކުރާ ނުވަތަ ވިހަ އެއްޗެއް ކަމަށް ބުނެ ކުރާ ޕޯސްޓުތައް ނަގާނެ ކަމަށްވެސް އޭރު ފޭސްބުކުއިން ވަނީ ބުނެފައެވެ.

ފޭސްބުކްގެ ނައިބު ރައީސް ގައި ރޯސެން ވިދާޅުވީ، ކޮވިޑާއި ގުޅިގެން ނިންމާ ނިންމުތަކަށް ބަދަލު އަންނަމުން ދިއުމާއިއެކު، ފޭސްބުކުއިން މިހާރު ވަނީ ސިއްޙީ މާހިރުންނާއި ގުޅިގެން،އަޕްޑޭޓު ވަމުންދާ މައުލޫމާތުތަކާއި އެއްގޮތަށް ޕޮލިސީތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

ފޭސްބުކުއިން ކޮވިޑުގެ ޕޯސްޓުތަކާއި ގުޅޭ ގޮތުން މިހެން ނިންމާފައި ވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ޤައުމުގެ އިންޓެލިޖެންސަށް ކޮވިޑު 19 ގެ އަސްލާއި ގުޅޭ ގޮތުން ހިންގާ ތަޙްޤީޤުތައް އަވަސް ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި މި ތަޙްޤީޤުތަކުގައި، ޗައިނާގެ ލެބަކުން އައިސްފައި އޮވެދާނެ ކަމަށް ބުނާ ބުނުން ފުރިހަމައަށް ބެލުމަށްވެސް ވަނީ އަންގަވާފައެވެ.

ފޭސްބުކުން އާންމުކޮށް ދޮގު މައުލޫމާތު ނުނެގި ނަމަވެސް، އެ މަންސައިން އަންނަނީ އެސޯސިއޭޓެޑް ޕްރެސްއާއި ގުޅިގެން ނުރަނގަޅު މައުލޫމާތު އާންމުންނަށް ވަކި ކުރަން ފަސޭހަ ގޮތްތައް ފަހި ކޮށް ދެމުންނެވެ. ނަމަވެސް، އިންތިޚާބުތަކާއި ގުޅިގެން، ނުވަތަ ކޮވިޑު 19އާއި ގުޅިގެން ފޭސްބުކަށް ޕޯސްޓު ކުރާ ދޮގު މައުލޫމާތާއި، ޚަބަރުތައް ފޭސްބުއިން އަންނަނީ ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް