އެމެރިކާގެ ވޮޝިންޓަން ސްޓޭޓުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ފުރަތަމަ ފަހަރަށް، ދެ ފުލުހެއްގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ އުފުލައިފިއެވެ. ބުރާސްފަތި ދުވަހު މެނުއެލް އެލިސް މަރާލި ކަމުގެ ދައުވާ އުފުލާފައި ވަނީ، އެއް ފުލުހެއްގެ މައްޗަށް ޤަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއާއި،އިތުރު 2 ފުލުހުންގެ މައްޗަށް ޤަސްދަކައި ނުލާ މީހަކު މަރާލި ކަމުގެ ދައުވާއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހު މެނުއެލް އެލިސް މަރުވެފައި ވަނީ، ފުލުހުން އޭނާ ހައްޔަރު ކުރުމުގައި އޭނާގެ މޫނު ނިވާކުރި ގޮތުގެ ސަބަބުން،ތަކުރާރުކޮށް ނޭވާ ނުލެވޭ ކަމަށް ބުނެ އާދޭސް ކުރަމުން ދަނިކޮށެވެ.މި ފުލުހުންގެ ތެރެއިން، ކްރިސްޓޮފަރ ބާރބޭންކާއި މެތިއު ކޮލިންސްގެ މައްޗަށް ދެވަނަ ޑިގްރީ މަރޑަރ ގެ ދައުވާ ވޮޝިންގޓަން ސިޓީގެ އެޓަރނީ ޖެނެރަލް ބޮބް ފަރގަސަން އުފުލާފައި ވާއިރު، އެންމެ ހަރުކަށި ފުރަތަމަ ޑިގްރީގެ މަރޑަރގެ ދައުވާ އުފުލާފައި ވަނީ ޓިމޮތީ ރޭންކީގެ މައްޗަށެވެ.
މި ތިން ފުލުހުން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމާއި ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ހުކުރު ދުވަހު މި ތިން މީހުން ކޯޓަށް ހާޟިރު ކޮށް، އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅޭ ގޮތުން އިތުރަށް ކަން ކުރިއަށް ގެންދާނެ ގޮތް އެނގުމަށް ވަނީ ހަމަޖެހިފައެވެ.
ޕިއަރސް ކައުންޓީގެ ސުޕީރިއާ ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހުދު ނަސްލުގެ ބަރބޭންކާއި ކޮލިންސް، އެއްވެސް ސަބަބަކާއި ނުލައި އެލިސްއަށް ހަމަލާ ދިން ތަން ފެނުނު ގިނަ ހެކިން ތިބި ކަމަށެވެ.ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، އޭޝިއާ ނަސްލަށް ނިސްބަތްވާ ރޭންކީ، އެލީސްގެ ބުރަކަށި މައްޗަށް އަރައި، ބާރު ލަމުން ގެންގޮސްފައިވާ ކަމަށްވެސް މި ހެކިންގެ ބަހުން ދެނެގަނެވިގެން ދެއެވެ.
އެލިސް މަރާލާފައި ވަނީ، އޭނާ ޓޭސްކޮށް، އަތާފައި ބަނދެ، އޭނާގެ މޫނުވެސް ދަތް ނޭޅޭނެ ފަދައިން ސްޕިޓު ހުޑަކުން ނިވާ ކުރުމަށް ފަހުގައެވެ.މިއީ، ކަޅު ނަސްލަށް ނިސްބަތްވާ ޖޯރޖު ފުލޮއިޑުވެސް ފުލުހުންގެ ހައްޔަރުގައި ނޭވާ ލިޔަ ނުދީ، މަރާލުމުގެ 3 ހަފްތާއެއްހާ ދުވަސް ކުރިއެވެ.ޖޯރޖު ފުލޮއިޑުގެ މަރުގެ ސަބަބުން، މުޅި އެމެރިކާގައި ފުލުހުންނާއި ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލާފައި ވެއެވެ.
އެލިސްގެ އެންމެ ފަހު ޖުމުލަ ކަމަށްވާ، "އައި ކާންޓް ބުރީތު، ސަރ"، (ސަރ،އަހަންނަށް ނޭވާއެއް ނުލެވޭ) ވަނީ އެ ސަރަހައްދުގައި ހުރި ސެކިއުރިޓީ ކެމެރާއަކަށް ސާފުކޮށް އަރާފައެވެ.އޭނާ މިފަދައިން އާދޭސް ކުރުމުން، މި ތަނުން އެއް ފުލުސް ވަނީ ހުތުރު ބަހުރުވައިން އޭނާ ކައިރީގައި މަޑުން ހުރުމަށް ބުނެ ހަޅޭއްލަވައި ގަނެފައެވެ.މި ހުރިހާ ކަމެއްގައިވެސް، އެލިސް ގަދަ ހަދާ ނޫޅޭ ކަމަށާއި، އޭނާ ހުރީ ފުލުހުންގެ އަމުރަށް ބޯލަނބައިގެން ކަމަށް ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށް ކޯޓުގެ ބަޔާނުގައި ވެއެވެ. އެގޮތުން، އެ ވަގުތު އެ މަގުގައި ތިބެ މަންޒަރު ފެނުނު 3 ހެކިވެރިޔަކު ބުނެފައި ވަނީ، ފުލުހުންނަށް ގެއްލުމެއް ދިނުމަށް އެލިސް މަސައްކަތް ކުރާ ތަން ފެނިފައި ނުވާ ކަމަށެވެ.
މިއީ ފުލުހުންނާއި ދެކޮޅަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިފަދަ ދައުވާއެއް އުފުލާފައިވާ ފުރަތަމަ ފަަހަރުކަން ފާހަގަ ކުރައްވާ ފަރގަސަން ވިދާޅުވީ، ދައުވާ ކުރަން ނިންމުމާއިއެކު،ޓެކޯމާގެ 5 ފުލުހަކު ގޭގައި މަޑު ކުރުވާފައިވާ ކަމަށާއި، ތަޙުޤީޤު އަދިވެސް ކުރިއަށް ދާ ކަމަށެވެ.ދައުވާ އުފުލޭ ފަރާތުގެ ވަކީލުން މިކަމާއި ގުޅޭ ގޮތުން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.
ފުލުހުން އެލީސް ހައްޔަރު ކޮށްފައި ވަނީ، ޓްރެފިކް ލައިޓު ރަތް ކުލައިގައި ވަނިކޮށް،ފަސެންޖަރުން ތިބި ޓެކްސީތަކަށް އެރުމުގެ މަސައްކަތް ތަކުރާރު ކޮށް ކުރަމުން ގެންދިއުމާއި ގުޅިގެން ކަމަށް ވެއެވެ. އޭނާ މިގޮތަށް މަސައްކަތް ކޮށްފައި ވަނީ،އެއީ ރޭގަނޑުގެ ވަގުތު ކަމަށް ވެފައި، ޗާރޗުން އައި މަގުމަތީގައި ކާ އެއްޗެއް ގަނެލުމަށް ފިހާރައަކަށް ވެދެ ލަސްވުމާއި ގުޅިގެން ކަމަށް ވެއެވެ.
ފުލުހުންގެ ފަރާތުން ދިން ބަޔާނުގައި ބުނެފައި ވަނީ، އެލިސް ފުލުހުންގެ ވެހިކަލްގެ ބިއްލޫރި ގަނޑުގައި ބާރަށް ތަޅާ، ފުލުހުން އެ އުޅަނދުން ފޭބުމުން އެ މީހުންނަށް ވަގުތުން ހަމަލާ ދީފައިވާ ކަަމަށް، އެ 3 ފުލުހުން ބުނެފައިވާ ކަމަށެވެ.ނަމަވެސް އެ ވަގުތު އެ ސަރަހައްދުގައި މަންޒަރު ފެނުނު ބަޔަކު ވަނީ މި ހާދިސާގެ ބޮޑު ބައެއް ރިކޯޑު ކޮށްފައެވެ. އަދި މި ވީޑިއޯއިން ފެންނަ ގޮތުގައި، އެލިސް ފުލުހުންނަށް ހަމަލާ ދޭ ތަނެއް އެއްވެސް ވަރަކަށް ފެނިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.މީގެ އިތުރުން،މި ސަރަހައްދުގައި ތިބި ދެ ހެކިން ވަނީ،އޭނާ ފުލުހުންނަށް ހަމަލާ ދޭ ތަން ފެނިފައި ނުވާ ކަމަށް ބުނެ ހެކި ބަސް ދީފައެވެ.އަދި އެއް ފުލުހަކު، ކާރުގެ ދޮރުން އެލީސް ގައިގައި ޖެހުމަށް ފަހު، އޭނާގެ ގައި މައްޗަށް ފުންމައިގެން އަރާ ތަޅަން ފެށީ ކަމަށްވެސް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.
މެނުއެލް އެލިސްއަކީ ސްކިޒޮފްރޭނިއާ ނަފްސާނީ ބަލި މީހެއްގެ އިތުރުން، މަސްތުވާ ތަކެތި ބޭނުން ކުރާ މީހެކެވެ.2019 ވަނަ އަހަރު އޭނާ މަސްތުގެ ހާލުގައި، އެއްވެސް ވަރަކަށް ނިވާ ނުވެ، ރެސްޓޯރެންޓަކުން ވައްކަން ކުރަން އުޅެފައި ވެއެވެ.އެ ފަހަރު، ފުލުހުން އޭނާ މަޑުން ނުހުރުމުގެ ސަބަބުން ޓޭސްކޮށްގެން ހައްޔަރު ކުރި ނަމަވެސް، އޭނާއަށް ގެއްލުމެއް ލިބޭ ގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.އޭނާ ދިރިއުޅުނު ގޭގެ ވެރިން ބުނާ ގޮތުގައި،މަރުވުމުގެ މަސްތަކެއް ކުރިން، އޭނާވަނީ މަސްތުން ސަލާމަތް ވާން މަސައްކަތް ކުރަން ފަށާފައެވެ.އަދި އޭނާގެ ނަފްސާނީ ބައްޔަށްވެސް އޭނާ ދިއައީ ފަރުވާ ހޯދަމުން ކަމަށް މި މީހުން ވަނީ ބުނެފައެވެ.
އެލީސްގެ އާއިލާއިން ވަނީ މި ދައުވާއާއި މެދު ހިތްހަމަ ޖެހުން ފާޅު ކޮށްފައެވެ. އަދި އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމުގައި ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އަޑު އުފުލާ، އެލިސްގެ އާއިލާއިން ބުނީ،އެ ސިޓީއާއި ދެކޮޅަށް 30 މިލިއަން ޑޮލަރުގެ ލޯ ސޫޓެެެއް ފައިލް ކުރާނެ ކަމަށެވެ.މި ދައުވާ ސާބިތު ވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެން ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް