ގަދަވަޔާ އެކު، ސަލްޓަން ޕާކުގެ ގަހެއް ލިލީ މަގު ބަންދުވާގޮތަށް ވެއްޓުނީ މިއަދު ހެނދުނު 7:00 ހާއިރު އެވެ.
އެ ގަސް ވެއްޓުނުކަން ހާމަކޮށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ގަސް ނަގައި މަގު ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލް މުވައްޒަފުން ހެނދުނު 9:30 ހާއިރު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ނިންމާލައި މަގު އާންމުންނަށް ހުޅުވާލީ މެންދުރު 12:30 ހާއިރު އެވެ.
މަސައްކަތް ނިންމާލިލެއް އަވަސް ކަމުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަސްވެއްޓިގެން ސިޓި ކައުންސިލް މުވައްޒަފުން ސައިޓަށް ދިޔަތާ ތިން ގަޑިއިރު ތެރޭގައި އާންމުންނަށް މަގު ހުޅުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ނިންމާލާފައިވަނީ "ޔާނު" ސްޕީޑުގައި ކަމަށެވެ.
އަދި މަސައްކަތް އަވަސް ކަމުން ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ޝުޖާއު ސާބަސް ދަންނަވާފައިވެ އެވެ.
"ޔާނު" ސްޕީޑްގައި ކަމަށް ޝުޖާއު އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ނިންމާލެއް އަވަސް ކަމުންނެވެ. އަދި އެ ފަސް އަހަރު ތެރޭގައި ރާއްޖެއަށް ގެނެސްފައިވާ ތަރައްގީގެ މާނަ ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
https://twitter.com/shuja3831/status/1398198623100235776
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ނަގައި މަގާމާއި ކައުންސިލަރުން ހަވާލުވެވަޑައިގެންތާ ކުޑަ ދުވަސްކޮޅެއްގައި ތެރޭގައި ކުރަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން އެއްބަޔަކު ތައުރީފުކޮށް ސާބަސް ދެމުން ދާއިރު އަނެއް ބަޔަކު ދަނީ އެއީ ދެއްކުންތެރިކަމުގެ ގޮތުގައި ސިފަ ކުރަމުންނެވެ.
އެގޮތުން އާ ދުވަސްކޮޅު އެހެން އުޅުމަށް ފަހު ، ފަހުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުނެ ބައެއް މީހުން ބުނެ އެވެ.
މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި އެކި ސަރަހައްދުތަކުގައި ހުރި ޕާކިސްޒޯނުތައް ހަދައި، ބޮޑުކޮށް ފާހަގަތައް އާކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ހުޅުމާލެ އާއި މާލޭގެ ފްލެޓުތައް ހުންނަ ސަރަހައްދުތަކުގައި އާންމުންނަށް އުނދަގޫވާގޮތަށް ހުރި ގަސްތައް ކޮށައި ސާފު ކުރުން ހިމެނެ އެވެ
އަދި މާލޭ މާރުކޭޓުތަކުގެ ހާލަތު ބަލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް