ކުރިއަށް އޮތް 3 މަސް ދުވަހަށް ފަލަސްޠީނަށް ބޭނުންވާ ޒަރޫރީ އެހީ ފޯރު ކޮށް ދިނުމަށް 95 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ އިން ބުނެފިއެވެ.އދ އިން ބުނީ މި ފައިސާ ބޭނުން ވަނީ ކާބޯތަކެެއްޗާއި ބޭސް ފަރުވާ ފަދަ އެންމެ ޒަރޫރީ ތަކެތި ޣައްޒާއަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
ޣައްޒާއަށް މިހާ ބޮޑު ގެއްލުމެއް ކުރިމަތި ވެފައި ވަނީ، އަހަރުތަކަކަށް ފަހު އިސްރާއީލުން ފަލަސްޠީނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ.އދ އިން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު، ލީން ހޭސްޓިންގސް ވިދާޅުވީ، އދ އިން މި ވަގުތަށް މަސައްކަތް ކުރަނީ އެންމެ އަވަހަށް ފަލަސްޠީނަށް ބޭނުންވާ އެހީ ފޯރުކޮށް ދިނުމަށް ކަމަށާއި، ފަހުން ދިގު މުއްދަތައް ބޭނުންވާ ޚަރަދުތަކުގެ އަންދާޒީ ރިޕޯޓެެއް އެކުލަވާލެވޭނެ ކަމަށާއި،އެއީ އިންފްރާސްޓްރަކްޗަރ އަލުން އިމާރާތްކޮށް ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ އިތުރު ޚަރަދުތައް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބުރާސްފަތި ދުވަހު ހުށަހެޅި ފައިސާގެ އެޕީލަކީ ޒަރޫރީ ބޭނުންތައް ހޯދައި ދިނުމަށް ހުށަހަޅައިފައިވާ އެޕީލެއް ނަމަވެސް، މިހާރުވެސް އދ އިން ޣައްޒާގެ ބޭނުންތަކަށް 22.5 މިލިއަން ޑުލަރުގެ އެހީ ދޫކޮށްފައިވާ ކަމަށެވެ. ހޭސްޓިންގސް ވިދާޅުވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ގެއަށް ފެން ނުލިބޭ 800،000 މީހުން ތިބި ކަމަށާއި، ތަޣައްޔަރު ވެފައިވާ ފެން ކަނޑަށް ދޫކޮށްފައިވާ ކަމަށާއި، 58 ތަޢުލީމީ މަރުކަޒުކަޒަކަށް ގެއްލުންވެ 285 އިމާރާތެއްގެ 1000 ހައުސިންގ ޔުނިޓުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށެވެ.މި އެޕީލްގެ ތެރެއިން ލިބޭ ބޮޑު ބައެއް ބޭނުން ކުރާނީ ޣައްޒާއަށެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކަށާއި، އިރުމަތީ ޤުދުސްގެ ސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައި ގަތުމަށްވެސް މި ފައިސާ ބޭނުން ކުރެވިގެން ދާނެއެވެ.
ފަލަސްޠީނުގެ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ޣައްޒާ އާރާސްތު ކުރުމަށް އެތައް މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.އެގޮތުން، 6 ހަސްފަތާލަކާއި ސިއްޙީ ޚިދުމަތްދޭ 11 ތަނަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެެވެ. އަދި ކަނަރަންޓުވެސް މިހާރު މި ސަރަޙައްދުތަކަށް ލިބެނީ ދުވާލަކު 4 ގަޑިއިރާއި 6 ގަޑިއިރާއި ދެމެދުގެ ވަގުތު ކޮޅަކަށެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ވަނީ ޣައްޒާއަށް އެހީ ފޮނުވަން ނިންމާފައެވެ. އެގޮތުން، ޤަޠަރުން 500 މިލިއަން ޑޮލަރު އާރާސްތު ކުރުމަށް ޚަރަދު ކުރާނެ ކަމަށް އިއުލާން ކޮށްފައި ވާއިރު، އެމެރިކާއިންވެސް ވަނީ މި މަަސައްކަތަށް 75 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމާފައެވެ.އިސްރާއީލުން ފަލަސްޠީނަށް ދިން ހަމަލާތަކުގައި، ފަލަސްޠީނުގެ 254 މީހުން ޝަހީދުވެފައި ވާއިރު، ޣައްޒާގެ ގިނަ އިމާރާތްތަކެއް ބިމާއި ހަމަވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް