އައްޑޫ ސިޓީގައި 235 މީހުން ކޯވިޑް އުސޫލާއި ހިލާފުވެގެން ޖޫރިމަނާ ކޮށްފި

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން އައްޑޫ ސިޓީން އިތުރު 235 ފަރާތެއް ޖޫރިމަނާކޮށްފި އެވެ. އައްޑޫ އީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ މި މަހުގެ ...

28 May 2021 | 07:43

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން އައްޑޫ ސިޓީން އިތުރު 235 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.

އައްޑޫ އީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ މި މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ގައިޑްލައިނާ ހިލާފުވެގެން ޖުމްލަ 235 ފަރާތެއް ޖޫރިމަނާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ނުދިޔުމަށް އަންގާފައިވާ އެންގުމާ ހިލާފުވެެގެން ތިން ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި ކަރަންޓީނާއި ހިލާފުވެގެން ހަތަރު ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، އެކަހެރިވުމަށް އެންގި އެންގުމާ ހިލާފުވެގެން ވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ. އަދި މި މުއްދަތުގެ ތެރޭގައި މާސްކު ނާޅާ އުޅެގެން 37 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި، ކާފިއު ވަގުތުގައި ހުއްދަ ނެތި ބޭރުގައި އުޅެގެން 177 ފަރާތެއް، އަދި އެޗްޕީއޭގެ އެހެނިހެން ގައިޑްލައިނާ ހިލާފުވެގެން 14 ފަރާތެއް ވެސް ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ފަރާތްތައް އެޗްޕީއޭގެ އުސޫލާއި ހިލާފުވި ނަމަވެސް ގިނަ ފަރާތްތައް އެ އުސޫލުތަކަށް ތަބާވެ އަމަލުކުރަމުންދާކަން ވެސް ލޫތު ފާހަގަކުރެއްވިއެވެ.

އައްޑޫން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 16 މީހަކު ބައްޔަށް ކޯވިޑް-19 އަށް ފައްސި ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 176 އަށް އަރާފައެވެ. އަދި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 82 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ މި ބަލީގައި އައްޑޫ އިން ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް