ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު ހިނގި މަރުތަކާއި، ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ އެއްވެސް ގުޅުމެއްވޭތޯ ބަލަން އެމްޑީޕީގެ ނައިބް ރައިސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ގޮވާލައްވައިފިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއްޕެ ވިދާޅުވީ، "ފަހުން ހިނގި މަރުތަކާއި" ނަޝީދަށް ދިން ހަމަލާއާ އެއްވެސް ގުޅުމެއްވޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ.
އެއީ ކޮން މަރުތަކެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝިއްޕެ ވިދާޅުވީ "މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެމަރެއް ތިން މަރެއް ނޫސްތަކުން ފެނުނު ވާހަކަ އެއީ އަސްލު. އިމަރާތެއްގެ މަތިން ވެއްޓިގެންނާއި މަގުމަތީގައި އޮއްވައާއި މިކަހަލަ މިކަހަލަ މަރުތަކެއް ފެނިފައިވާތީވެ ބޭބޭފުޅުން ސުވާލު އުފައްދާ. މިކަންކަން ރަނގަޅަށް ތަހުގީގުކުރަމުންދާއިރު މިކަންކަމަށް ރިޔާއަތްކުރުމަކީ އަޅުގަނޑު ހިތުން ކުރަން ޖެހޭނެ ކަމެއް" އެވެ.
ތަހުގީގުގައި މިފަދަ ކަންތައްތައްކަށް ރިޔާއަތް ކުރަން ފުލުހުންނަށް އެދޭ ސަބަބަކީ ޑރ. އަފްރާޝީމްގެ މަރަށް ފަހު ވެސް ކައިރިކައިރީގައި މަރުތަކެއް ހިނގާފައިވާތީ ކަމަށް ޝިިއްޕެ ވިދާޅުވިއެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ޔާމީން ރަޝީދު މަރާލާފައިވަނީ އޭގެ ފަހުންނެވެ. އެ މަރުތަކާއި ޑރ އަފްރާޝީމްގެ މަރާއި ގުޅުމެއްވާކަން ފަހުން ވަނީ ހާމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް