ރާއްޖެއިން ގަންނަން ނިންމާފައިވާ ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންގެ ދެ ލައްކަ ޑޯޒު ވަރަށް އަވަހަށް ރާއްޖެއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ރަޝިއާ ސަރުކާރުން ދީފި އެވެ.
މި ވެކްސިން ރާއްޖެއަށް ލިބޭނީ ދެ ގައުމުގެ ދެމެދުގައި ވެކްސިން ގަތުމުގެ އެއްބަސްވުމުގެ ސޮއި ކުރުމުންނެވެ. މިހާރު އެޓާނީ ޖެނެރަލްގެ ލަފައަކަށް އެދިފައިވާ މި އެގްރިމެންޓުގައި ސޮއި ކުރާތާ ހަތަރު ހަފްތާ ތެރޭގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ރަޝިއާއިން ކުރިން ބުނެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި އެވެ.
ވީހާވެސް އަވަހަށް ރާއްޖެއަށް ވެކްސިން ފޮނުވަދޭނެ ކަމުގެ ޔަގީންކަން ރަޝިއާ ސަރުކާރުން މިފަހަރު ދިނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުން ފޯނު މެދުވެރިކޮށް ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި އެވެ. ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ދެމެދު މަޝްވަރާތައް ކުރެވުނީ ރޭގައި ކަމަށެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ރަޝިޔާގެ ފޮރިން މިނިސްޓަރަށް ޝާހިދު މައުލޫމާތު އަރުއްވާފައިވާ ކަމަށެވެ.
ރަޝިއާއިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު ޝާހިދަށް ދެއްވި ކަމަށް މިނިސްޓްރީންބުނެ އެވެ.
މީގެ އިތުރުންވެސް ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ފޮރިން މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިން އަކީ ރާއްޖޭގައި ކޯވިޑް-19 އަށް ޖެހުމަށް ހުއްދަދިން ހަތަރު ވަނަ ވެކްސިނެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން ހުއްދަ ދީފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް