ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާގޮތް ވަރަށް ކައިރިން ބަލާކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާމެ މަޖިލިސް މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ، އެމްޑީޕީއިން މިވަގުތު އެންމެ މުހިންމުކަމެއް ދީގެން ކުރަމުންދާ އެންމެ މުހިންމު ދެ މަސައްކަތެއް ވާކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ހިންގަމުން ދާ ތަހުގީގު އެމްޑީޕީއިން ގާތުން ބަލަމުން ގެންދިއުން ކަމަށެވެ. އެކަމުގެ ހުރިހާ ކަމެއްގައި، ތަހުގީގުން ތިންވަނަ ފަރާތަކަށް ލިބެންވާ ހުރިހާ ތަފްސީލެއް އެމްޑީޕީއިން ކުރަމުން ގެންދާނެކަމަށް ލަޠީފް ވިދާޅުވިއެވެ.
އެމްޑީޕީއިން ދެވަނައަށް އެންމެ މުހިންމުކަމެއް ދީގެން ކުރާ ކަމަކަށް ލަޠީފް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ އިންކުއަރީ ރަނގަޅަށް ފުރިހަމައަށް ހިންގުުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގު ތަކަކީ އޭގެ ހުރިހާ މައުލޫމާތެއް ތިންވަނަ ފަރާތަކަށް ހިއްސާކުރާ މައުލޫމާތުތަކެއް ނޫންކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ވެސް އެނގެނީ ވަކި މިންވަރެއްގެ މައުލޫމާތުކަނަށް ލަޠީފް ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ފުލުހުން ތަހުގީގު ހިންގަމުންދާ ގޮތާއި އަދި ކުރަމުންގެންދާ މަސައްކަތުގެ އިތުރުން، އެކަންކަން ކުރަމުންދާ އުސޫލުގެ ތަފްސީލު އެމްޑީޕީއަށް އެނގޭނެކަމަށް ލަޠީފް ފާހަގަކުރެއްވިއެވެ.
ފުލުހުން ތަހިގީގަށް ހޯދާ މައުލޫމާތާއި އަދި ތަހުގީގުގެ ބޭނުމަށް ހޯދާ ހެކީގެ ތަފްސީލަކީ، ވަގުތު ޖެހުމުގެ ކުރިން ތިންވަނަ ފަރާތަކަށް އެކަންކަމުގެ މައުލޫމާތު ހިއްސާކުރެވިގެން ނުވާނެ ކަންތައްތަކެއް ކަމަށް ލަޠީފް ވިދާޅުވިއެވެ.
އެހެންކަމުން، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ދާގޮތް އެމްޑީޕީގެ ފަރާތުން އެންމެ ގާތުން ބަލަމުންދާކަމަށް ލަޠީފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް