މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމްއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވައިފި އެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ އިސްވެރިންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި އޭޓީއެމް ހުޅުވާފައިވަނީ އިންޓަނޭޝަނަލް އެރައިވަލް ގޭޓާއި ޑޮމެސްޓިކް ޓާމިނަލް އާއި ދޭތެރޭ އެވެ.
އެމްއައިބީން ބުނީ މި އޭޓީއެމްއިން ކަސްޓަމަރުންގެ އެކައުންޓު ބެލެންސް ބެލުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތުގެ އިތުރުން މިނީ ސްޓޭޓްމެންޓާއި ފައިސާ ކާޑުގެ ޕިން ބަދަލު ކުރުމުގެ ހިދުމަތް ލިބޭނެ އެވެ. 24 ގަޑި އިރު ހިދުމަތްދޭ މި އޭޓީއެމްއިން ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ހިދުމަތް ލިބޭނެ އެވެ.
އެ ބޭންކުން ބުނީ މިއަހަރު ތެރޭގައި އިތުރު ރަށްރަށުގައި އެ ބޭންކުގެ އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ބޭންކުގެ އޭޓީއެމްތައް މިވަގުތު ހުންނަނީ ހެޑް އޮފީހާއި، މާލޭގެ ދެ ސަރަހައްދެއްގެ އިތުރުން ހުޅުމާލެ، ކުޅުދުއްފުށި އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގު، ފުވައްމުލަކު ސިޓީ ބްރާންޗު އަދި ގދ. ތިނަދޫ ބްރާންޗުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް