ހަލުވިކަމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުމާއި އަރިދަފުސް ރޯގާ ފެތުރެމުން ދާއިރު ހޮނިހިރު ދުވަހު އެކަނިވެސްް 20 މީހުން އިންފްލުއެންޒާ އަށް ޕޮޒިޓިވް ވި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުގައި ހުޅުވާފައިވާ ފިވާ ކްލިނިކަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތަފާސް ހިސާބު ދައްކާގޮތުން ހޮނިހިރު ދުވަހު ހުމާއި ރޯގާ ޖެހިގެން 170 މީހަކު ޑޮކްޓަރަށް ދެއްކި އެވެ. އޭގެ ތެރެއިން 20 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ ޑެންގީ ހުމަށް ޕޮޒިޓިވް ވެފައި އެވެ.
އޭޑީކޭއިން ބުނީ ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މިހާރު ކޮންޓްރޯލް ވަމުން އަންނަ ކަމަށެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު 200 މީހުން ފީވާ ކްލިނިކުން ފަރުވާ ހޯދި އިރު އެ އަދަދު އޭގެ ފަހުން ދަނީ ދަށަށް ކަމަށެވެ.
އެކަމަކު ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަށްވިޔަސް ދައްކާ މީހުންގެ ތެރެއިން ޑެންގީ އަށާއި އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ގައި 59 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު އެ މުއްދަތުގައި 16 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފަ އެވެ.
އައިޖީއެމްއެޗުންވެސް ބުނެފައިވަނީ ހުމާއި އަރިދަފުސް ރީގާ ޖެހިގެން މިފަހަކަށް އައިސް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ދުވާލަކު 300 އެއްހާ މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށެވެ.
އަތޮޅު ތެރޭގައިވެސް ހަލުވިކަމާއި އެކު ޑެންގީ ހުންދަނީ ފެތުރެމުންނެވެ. އެހެންވެ އެޗްޕީއޭއިން ވަނީ ޑެންގީ ހުން ގިނައިން ފެތުރޭ ރަށްރަށުގައި ފީވާ ކްލިނިކް ހުޅުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް