ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މިއީ 2016 ވަނަ އަހަރު ފ...

28 May 2018 | 04:24

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ހަތް ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ 2016 ވަނަ އަހަރު ފޮސްޓާ ޕެނަލް އުފެއްދި ފަހުން، ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދިން ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން ކުދިން ހަވާލުކޮށްފައިވަނީ އެ އަހަރު އެކަމަށް އެދުނު ދެ ފަރާތަކަށާއި މިދިޔަ އަހަރު އެދުނު ފަސް ފަރާތަކަށެވެ.

އެމީހުންނާއި ހަވާލުކޮށްފައިވަނީ އެއް މަހާއި ތިން އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިންނެވެ. އޭގެ ތެރޭގައި އަހަރު ނުފުރޭ ފަސް ކުދިން ހިމެނެ އެވެ.

ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަލު ކުރުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 20 ކުއްޖަކު ޖެންޑާއިން މިދިޔަ އަހަރު އެ ކުދިންގެ އާއިލާތަކާ ވެސް ހަވާލުުކުރި އެވެ. އެތަނުން ބުނިގޮތުގައި ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރީ، އާއިލާއިން އެކަމަށް ބޭނުންވެ ހުށަހެޅުމުންނެވެ. އަދި ކުދިން ހަވާލު ކުރުމުގެ ކުރިން، ކުއްޖާ ބެލުމުގެ ގާބިލްކަން އާއިލާގައި ހުރިތޯ ފޮސްޓާ ޕެނަލުން ޔަގީންކުރާ ކަމަށް ޖެންޑާއިން ބުންޏެވެ.

ޖެންޑާ އިން ބުނި ގޮތުގައި ކުދިން ގެންގުޅެ ބޮޑުކުރުމަށް ކުރިމަތިލުމުން، ފޮސްޓާ ޕެނަލްް އިން އެ ބެލެނިވެރިންނާ އިންޓަވިއުކުރެ އެވެ. އަދި ކުދިން ހަވާލު ކުރަނީ އިންޓަވިއުއަށް ފަހު، ބެލެނިވެރިޔާގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އަދި ކުދިން ހަވާލުކުރާތާ ދުވަސްކޮޅެއް ފަހުން، ބެލެނިވެރިޔާގެ މައްޗަށް ކޯޓު މެދުވެރިކޮށް ގާނޫނީގޮތުން ބެލެނިވެރިކަން ބަދަލުކުރާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް