އަހަރެން އިސްލާމްވީ ކީއްވެ؟ - ކައުންޓް އެޑުއޯޑާ ގިއޯޔާ

އަޅުގަނޑު އުފަންވީ ކެތަލިކް ޢާއިލާއެއްގެ ތެރެއަށެވެ. ނަމަވެސް، އެ މަޒުހަބުގެ އަޞްލެއް ނެތް އޮޅުންބޮޅުންގަނޑެއް ކަމުގައިވާ ޢަޤީދާ އަޅުގަނޑު ދުވަހަކުވެސް ޤަބޫލެއް ނުކުރަމެވެ. އަޅުގަނޑުގެ ބައްޕަގެ ތަރުބި...

28 May 2017 | 13:52

އަޅުގަނޑު އުފަންވީ ކެތަލިކް ޢާއިލާއެއްގެ ތެރެއަށެވެ. ނަމަވެސް، އެ މަޒުހަބުގެ އަޞްލެއް ނެތް އޮޅުންބޮޅުންގަނޑެއް ކަމުގައިވާ ޢަޤީދާ އަޅުގަނޑު ދުވަހަކުވެސް ޤަބޫލެއް ނުކުރަމެވެ. އަޅުގަނޑުގެ ބައްޕަގެ ތަރުބިއްޔަތުގެ ސަބަބުންނެވެ.

ސަލާމް ލެއްވި މަޞީހަކީ އިންސާނީ އުޚުއްވަތަށް ގޮވާލެއްވި ބޭކަލެކެވެ. މާތް ﷲ ގެ ހަޟްރަތުގައި އެންމެހާ މީސްތަކުންނީ ހަމަހަަމަވެގެންވާ ބައެކެވެ. ފަޤީރެއް ކަމުގައި ވިޔަސް، މުއްސަންޖެއް ކަމުގައި ވިޔަސް، އޭގައި އެއްވެސް ފަރަޤެއް ނެތެވެ.

ނަމަވެސް، ކެތަލިކް ޗަރޗަކަށް ވަނުމުން ފެނިގެންދާ "އެއްބަނޑު އެއްބަފާކަމާއި ހަމަހަމަކަމުގެ" މަންޒަރަކީ ވަރަށް ހިތްދަތިކުރުވަނިވި ބިރުވެރި މަންޒަރެކެވެ. އަމީރުން ތިއްބަވަނީ ޤުރުބާން ކުރެވޭ ތަނާ ދާދި ކައިރީގައި ހުންނަ މަޚްމަލުގެ ގޮދަޑިޖެހި ގޮނޑިތަކުގައެވެ. ފަޤީރުން ތިބެނީ މާ ފަހަތުގައި ކޮޅަށެވެ. އެމީހުންނަށްޓަކައި ބެހެއްޓިފައި ހުންނަނީ ލަކުޑީގެ ހަރު ދިގު ގޮނޑިތަކެކެވެ. އާދައިގެ މީހަކު ކާޑިނަލާ ބައްދަލުވާން ބޭނުންވެއްޖެނަމަ ޖެހެނީ ކާޑިނަލްގެ އަރިހަށް ސިޓީއެއް ލިޔާށެވެ. އެފަދަ ސިޓީތައް ގިނަފަހަރަށް އުކާލެވެނީ ކުނޑިކަރުދާސް އަޅާ ވަށިގަނޑަށެވެ. ކާޑިނަލް ދެކެނީ އޭނާއަކީ ފައްޅީގެ ޕްރިންސް ކަމުގައެވެ.

ޔޫޝައު މަސީޙު ދެއްވި ތަޢުލީމުގައިވާ ސާދާކަމާއި، އޭނާ އުނގަންނައިދެއްވި އެއްބަނޑުއެއްބަފާކަމުގެ ތަޢުލީމީ، ފައްޅިތަކުގެ އިސްވެދެންނެވި ވެއްޓާ ގުޅުމެއް ނެތްކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. މަޞީހަށް އީމާންވީ ފަޤީރު ސީދާސީދާ ބައެކެވެ. އަޅުގަނޑަަށް ޔަޤީނެވެ. އެކަލޭގެފާނަށް އީމާންވާ ކަމަށް މިހާރު މި ދަޢުވާކުރާ މީހުންގެ ގާތަށް އެކަލޭޭގެފާނު އަލުން ވަޑައިގަތަސް، އެކަލޭގެފާނުގެ ވާހަަކަ އިވުމުން، އެބައިމީހުން މަސައްކަތް ކުރަނީ، ޞަލީބަށް ނުވަތަ އެބާވަތުގެ ކޮންމެވެސް ޒަމާނީ އުފެއްދުމަކަށް މަޞީހު އެރުވޭތޯއެވެ.

ރޯމުގެ ޕޯޕް ދަޢުވާކުރައްވާ ގޮތުގައި، އޭނާއަކީ ޢީސާގެފާނުގެ ޤާއިމްމަޤާމެވެ. ނުވަތަ ޚަލީފާއެކެވެ. ނަމަވެސް އޭނާ އުޅުއްވަނީ މީހުން އަންތަރީސްވާހާ މުއްސަނދިފުޅު ކަމުގައެވެ. ހިންގަވަނީ ރަތް ކުލައިގެ މަޚްމަލުގެ މަތީގަައެވެ. ތުރުކުރައްވަނީ ފަށުވި ފޭރާމާއި، ފަށުއިން ވިޔެފައި ރަންކަސަބުން ޖަރީކޮށްފައި ހުންނަ ހެދުންކޮޅުތަކާއި، ސާބްލްކެހެރީގެ ފޭރާންކޮޅުތަކެވެ. އިސްތަށިފުޅުގައި ވިދަވިދާ ހުންނަނީ، ޖަވާހިރުގެ ތާޖުކޮޅެކެވެ. މާތް ޕޯޕް އިޝީންދެވަޑައިގަންނަވަނީ ރަނުގެ ތަޚުތެއްގައެވެ. ވިދަވިދާ ހުންނަ ޔުނީފޯމްތައް އަޅައިގެންތިބޭ ޚާދިމުން އަރިހުގައި ހަށަމްބަނދެގެން ތިބެއެވެ. އެތާާނގެ މުޅި ވެށި އޮންނަނީ އަތަރުވަހުން އެއްވަސްވެފައެވެ. ޝައްކެއްނެތެވެ. އެ މަންޒަަރަކީ ރީތި ހައިބަތުހުރި މަންޒަަރެކެވެ. ނަމަަވެސް އެ މަންޒަރު ފެނުމުން، ހިތްތަކަށް ކުރުވާ ރޫހާނީ އެއްވެސް އަސަރެެއް ނޯވެއެވެ. އަދި އެކަންތައްތަކާ މަޞީހު ދެއްވި ތަަޢުލީމާވެސް އެއްވެސް ގުޅުމެއް ނެތެވެ.

ރޯމުގެ ސެންޓް ޕީޓަރސް ޗަރޗްގައި ވަލީވެރިންގެ ޝަރަފުގައި ރަސްމިއްޔާތުތައް ބޭއްވޭއިރު، އެކަމުގައި ބައިިވެރިވެވެނީ ވަަރަށް އަަގުބޮޑު ޓިކެޓެއް ގަނެގެންނެވެ. ޓިކެޓުގައި ނަންބަރު ޖަހާފައި ހުންނަނީ އެމީހަކު ދައްްކާ ފައިސާގެ ޢަދަދެއްގެ ނިސްބަތުންނެވެ. އެމީހަކަށް ލިބޭނީ އެ ނަންބަރެއްގެ ގޮނޑިޔެކެވެ. ޗަރޗްގެ ތެރޭގައި ވަރަށް ގިނަ ގެލެރީތައް ހުރެއެވެ. އެއީ ރައީސުންނާއި، އަމީރުންނާއި، ސިޔާސީ ޖަޢީމުންނާއި، އެނޫންވެސް ދަރަޖަވެރީންނަށް ޚާއްޞަވެފައި ހުންނަ ތަންތަނެވެ.

މިއާ ޚިލާފަށް މުސްލިމުންގެ މިސްކިތްތަަކުގައި ކަންތައް ހަަމަޖެހިފައި އޮންނަ ރީދި ސާދާގޮތުގެ ސަބަބުން، ކުޑައިރުއްސުރެ އަޅުގަނޑަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިސްލާމީ ތަމައްދުނާއި، އިޖްތިމާޢީ ޤަވާޢިދުތައް އަޅުގަނޑުގެ ޚިޔާލުގައިވަނީ ބިންވަޅު ނެގިފައެވެ. ޚާއްޞަކޮށް ހިތުގައިވަނީ ތާރީފު އުފެދިފައެވެ. ތަހުޒީބާއި ރަަށްވެހިކަަމުގެ ހުރިހާ ދާއިރާއަކަށް މިހާބޮޑު އަހަންމިއްޔަތެއްދީ، ތަރަައްޤީކޮށް ރީތިކަމާއި ފުރިހަމަކަމުގެ މިފަދަ ތަނަވަސް މައިދާނެއް ދުނިޔެއަށް ހާމަކޮށްފައިވާ ޤައުމެއްގައި، ދީނީ ފަލްސަފާވެސް ވާނީ ވަރަށް މަަތިވެރި އެއްޗަކަށޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އިސްލާމްދީނާ ކައިރިޔަށް އަޅުގަނޑު ގެނައީ މިދެންނެވި ޚިޔާލުތަަކެވެ.

އެ ޚިޔާލިުތަަކުގެ ސަބަބުން، އަޅުގަނޑު ޙައްޤު ހޯދުމަަށްޓަކައި ކުރީގެ ދީންތަކާއި، މިހާރު ދުނިޔޭގައި މީހުން އުޅެމުންގެންދާ ދީންތައް މުޠާލިޢާކުރަން ފަށައިފީމެވެ. އެ ދީންތައް އެއްދީން އަނެއް ދީނާއި އަޅާބަލަމުން ގެންދިޔައީމެވެ. ވަރަށް ފުންގޮތެއްގައި ހޯދި ހޯދުމާއި، ދީންތަކާ މެދު ފާޑުކިޔުމުގެ ނަޒަރުން ބެލި ބެލުމުން އަޅުގަނޑަށް ޔަޤީންވީ، އެންމެ ރަނގަޅު ދީނަކީ އިސްލާމްދީންކަމެވެ. އިންސާނެއްގެ ރޫޙާނީ ތަރައްޤީއަށް ބޭނުންވާ ހުރިހާ އެއްޗެއް ކީރިތި ޤުރުޢާނުން ލިބެންހުރިކަމެވެ.

އެހާތަނުން އަޅުގަނޑު މާތް ﷲ ގެ ކިބަފުޅަށް ދުޢާކުރީ، އިސްލާމީ ހިޔާވަހިކަމުގެ ތެރެއަށް ވަނުމުގެ ހިތްވަރު އަޅުގަނޑަށް ދެއްވުން އެދިއެވެ. ކާނބަފައިންގެ ދީން ދޫކޮށްލާ، މުޅި އާއިލާ އަޅުގަނޑު ދިރިއުޅެމުން އައި ވެއްޓާ ހަނގުރާމަ ފެށުމުގެ ކުރިން އެކަށޭނެކަން އޭރު އަޅުގަނޑަށް ލިބިފައި ނުވާތީއެވެ.

މިގޮތުގައި ދެއަތަަށް ކިރިކިރި ދެފުށުއެޅިފައި ހުރެވުނު ދުވަސްވަރު، އެއް ރެޔަކު އަޅުގަނޑަށް ހުވަފެނުން ފެނުނީ، ވަރަށް ގަދަ ކަނޑެއްގައި ބިޔަ ރާާޅުތަކެއް ތެރޭގައި ފަތަމުން ގެންދާތީއެވެ. ވަރަށް އުނދަގުލުން އައްސޭރިޔަަށް އާދެވުނީތީއެވެ. އެ ވަގުތު އަޅުގަނޑަށް އިވުނީ ރާޅުތަކުގެ އަޑަށްވުރެވެސް ބާރު އަޑަކުން މީހަކު ބުނާތީއެވެ. "ކަލޭ ކަނޑަށް ޣަރަޤުވިޔަނުދީ ސަލާމަތްކޮށްދިނީ ކާކުހެއްޔެެވެ؟ ކަލޭ އިސްލާމްވިކަން ފާޅުކުރަން ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟" އަޅުގަނޑު އަޅުގަނޑުގެ ޔަޤީންކަންވަނީ މުރާާދުގެ އައްސޭރިޔަށް ވާޞިލުކޮށްދީފައެވެ. އެދުވަހުގެ ހެނދުނު އަޅުގަނޑު އިސްލާމްވެއްޖައީމެވެ.

އިސްލާމްވުމާ ގުޅިގެން އަަޅުގަނޑަށް މަރުގެ އިންޒާރުވެސް ކުރެވުނެވެ. އިޖްތިމާޢީގޮތުން އަޅުގަނޑު އެކަހެރިކޮށްލެވުނެވެ. ނަމަވެސް އަޅުގަނޑު އެއިންކަމަކާ އަޅައެއް ނުލަމެވެ.

މިހާރު އަޅުގަނޑުގެ ހިތް އެންމެ އެެދޭ ކަމަކީ ކޮންމެވެސް ދުވަހަކުން ކައުބަތުއްﷲ ގެފުޅަށް ޒިޔާރަތްކުރުމުގެ ޝަރަފު ލިބުމެވެ. މިހާރުވެސް ޚިޔާލުގެ ދުނިޔޭގައި އަޅުގަނޑު އެކަނިމާ އެކަނި ޢަރަބިކަަރައިގެ ޞަޙަރާގައި ހުއްޓާ ދެކެމެވެ. ހީވަނީ ދޮންވެލީގެ ކަނޑެއް އަޅުގަނޑުގެ ވަށައިގެން އެތަކެއް މޭލުގެ ދުރަށް ފެތުރިފައި ވާހެންނެވެ. އަޅުގަނޑަށް އެކަނިމާ އެކަނި މާތް ﷲ ގެ ޙަޟްރަަތަަށް ކުއްތަންވެ ހުރެވޭ ހެންނެވެ. އޭރަކުން އަޅުގަނޑުގެ މިސާލަކަށްވަނީ، ވެލިފުކެއްގެ މިސާލެވެ. އަޅުގަނޑު ހުންނާނީ ދުނިޔޭގެ ހުރިހާ ހަޑިމުޑުދާރުކަމުން އެއްކިބާވެގެންނެވެ. އަޅުގަނޑުގެ ކުރިމަތީގައި ވާނީ، ތަަރިތަކުގެ ދުނިޔެއެކެވެ. އަޅުގަނޑުގެ ހިތް ވާނީ މާތް ﷲ ގެ ޤުދްރަތްތެރިކަމުގެ ޢަޖާއިބުތައް ދެކެ ޙައިރާންކަމުން ފުރިގެންނެވެ.

އަޅުގަނޑު ދެކޭގޮތުގައި ޢިލްމާއި ސައިންސްގެ ޢަޖާއިބުވާފަދަ ވަރުގަދަ ޤާނޫނުތައް ހޯދެމުންދާވަރަކަށް، މާތް ﷲ ގެ ހިސާބެއްނެތްފަދަ ކުޅަދުންވަންތަކަން ދާނީ ހާމަވަމުންނެވެ.

އަޅުގަނޑަށް އަޅުގަނޑުގެ ތަފާތު ނަސްލުތަކުގެ ތަފާތު ކުލަ ކުލައިގެ މުސްލިމް އަޚުންގެ މެދުގައި އުފާއުފަލުން ކަޢުބާގައި ޠަވާފުކުރެވޭ ދުވަހަކުން އަޅުގަނޑުގެ ހިތުގައި އުފާވެރިކަން ކިހާމައްޗަށް ދާނެބާއެވެ؟

ތިިބޭފުޅުން ޢަޖާއިބުފުޅުވެ ވަޑައިގަންނަވާނެކަން ނޭނގެއެވެ. އަޅުގަނޑު ކަޅުކުލަައާއި މުށިކުލައިގެ ހަންދެކެ ވަަރަށް ލޯބިވެއެވެ. ދުނިޔޭގެ އުތުރަށް ދާވަރަކަށް މީހުންގެ ހަަމުގެ ކުލަ ދަނީ ރީނދޫވަމުންނެވެ. އިސްތަށީގެ ކަޅުކުލަ ދަނީ ފަނޑުވަމުންނެވެ. އިކްއޭޓަރާ ކައިރިވާ ވަަރަކަށް ހަމުގެ ކުލަ ދަނީ ކަޅުވަމުން ނުވަތަ މުށިކުލަޔަށް ބަދަލުވަމުންނެެވެ. ހީވާގޮތުގައި، މިއީ ދޯދިތަައް ހަމުގެ ކުލަޔަށް ގެންނަ ބަދަަލެކެވެ.

ގަނޑުފެނަކީ މަރުގެ ޢަލާމާތެކެވެ. އިރަކީ ދިރިހުރުމުގެ ޢަލާމާތެކެވެ. އަޅުގަނޑު އިރުދެކެ ލޯބިވެއެވެ. ގަނޑުފެނާ ދުރަށް ފިލަން ދުވާހިތްވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، އިތާގެ ކުލައަކީވެސް މުށިކުލައެވެ. ނަމަވެސް، ހުދުކުލައިގެ ވިދާ މުތީތައް ފެންނަނީ އޭގެ ތެރެއިންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފުރާނައިގެ މިސާލަކީވެސް މިއީއެވެ.

(ޢަބްދުޑ ފާރޫޤް ޙަސަން، “އަހަރެން ހިޔާރުކުރީ އެންމެ މާތް ދީން”)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް