ރާއްޖޭގެ ދެކުނުގެ ރަށެއްގައި 70 ޕަސެންޓު މީހުން ރޯދަ ނުހިފާ ކަމަށް އިއްޔެ ހަވީރު ދީނީ ދަރުސްއެއް ދެއްވަމުން ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އަލީ ޒައިދު ވިދާޅުމުން އެކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ އެ މިނިސްޓްރީން އޮޅުން ފިލުވަން ބޭނުންވަނީ އެ މައުލޫމާތު ޝެއިހް ޒައިދުއަށް ލިބިވަޑައިގެންނެވި ގޮތެއް ކަމަށެވެ. އަދި އެއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ ސުވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އަދި ޝެއިހް ޒައިދު ފޯނު ނުނަންގަވާތީ ގުޅޭގޮތް ނުވާ ކަމަށް އަހުސަން ވިދާޅުވި އެވެ.
އިއްޔެ އަސުރު ނަމާދަށް ފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދީނީ ދަރުސް ދެއްވަމުން ޝެއިހް ޒައިދު ވިދާޅުވެފައިވަނީ ދެކުނަށް ކުރެއްވި ދަތުރެއްގައި އެ ރަށަކަށް ދިއުމުން އާންމު މަހެކޭ އެއްގޮތަށް 70 ޕަސެންޓު މީހުން ރޯދަ ނުހިފާ ދުވާލު ކައި ހަދާކަމުގެ މައުލޫމާތު އެ ރަށުގެ މީހެއްގެ ފަރާތުން ލިބުމުން ހައިރާންވި ކަމަށެވެ. އަދި އެގޮތަށް އުޅެނީ ވަކި އުމުރެއްގެ މީހުން ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ރަށެއްކަމެއް ޝެއިހް ޒައިދު ވިދާޅެއް ނުވެ އެވެ.
ޝެއިހް ޒައިދްގެ މިވާހަކަ އާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ޝެއިހް އަށް ވަނީ އަމާޒުވެފައި އެވެ. ގިނަ މީހުން ބުނަމުންދަނީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅަށް އުޅެން އެއްވެސް ދިވެއްސަކަށް ނުކެރޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް