ކަނުއަނދިރި ރޭގަނޑެކެވެ.މުޅިކާއިނާތަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.އެހަމަހިމޭންކަން ފޫދުއްވާލަނީ ކޮންމެވެސް ދުއްވާއެއްޗެއްގެ ބަރުހެލިއަޑުންނެވެ.އެއަޑަކީ މީގެކުރިން ދީނާއަށް އާއަޑެއް ނޫނެވެ.ނަމަވެސް މިރޭ އެއަޑުއިވުމުން އޭނާއަށް އުނދަގޫތަކެއް އެބަވެއެވެ.ބައެއް ފަހަރު ހަމަހިމޭންކަމަކީ އިންސާނާގެ ވަރަށް ގާތްއެކުވެރިއަކަށް ވެދެއެވެ.އަނެއްބައި ފަހަރު އެއީ ފޫކަމަކަށްވެސް ވެދެއެވެ.އެފަދަބައެއް ފަހަރުތަކުގައި އިންސާނުން އަތުންފައިން މޮޔަވެސް ހަދައެވެ.ހަމަހިމޭންކަމަކީ އޭގެމާނާގައި ދަންނަވަންވެސް ނޭނގޭ އަރަތެކެވެ.
ކުއްލިއަކަށް އެހަމަހިމޭންކަން ފޫދުއްވާލީ މެންދަމުން އަލިވެ ދޭއްޖެހި އަޑާއެކުގައެވެ.އޭނާ އަވަސް އަވަހަށް ތެދުވެ މޫނުދޮވެލާ ވުޟޫކޮއްލާ ހެދުމަށް ފަހު ދަމުނަމާދުކުރަން ފެށިއެވެ.އެއީ މިފަހަކަށް އައިސް ދީނާގެ އާދައެވެ.އިރުއޮއްސުމާއެކު އެއީ އޭނާގެ އެކަނިވެރިކަމުގެ ދުނިޔެ ފެށުނީއެވެ.ނަމާދުކޮށް ނިމިގެން އެތަށް ދަމެއް ވާންދެން އޭނާ ﷲއަށް ދުޢާދަންނަވަން އިނދެއެވެ.ބައެއް ރޭރޭ އޭނާއަށް ނިދެނީވެސް މުސައްލަމަތީގައި އިދެއެވެ.އެހެންނުވާނީވެސް ކީއްވެ ހެއްޔެވެ؟ އޭނާއަކީ ވެސް އިރެއްގައި ނުހަނު އުފަލުގައި އުޅުނު އަންހެންކުއްޖެކެވެ.ރަށްފުށުގެ ތަނަވަސް އާއިލާއަށް އުފަންވި ފަސްކުދިންގެ ތެރެއިން އެންމެ ހަނގުކުއްޖާއެވެ. ބައްޕަ އާއި މަންމަގެ ރަންދަރިފުޅެވެ.ދައްތަމެންނާއި ބޭބެމެންގެ ދޮންކަނބުލޯއެވެ.
ނަމަވެސް މިއަދުވަނީ މޫސުން ބަދަލުވެފައެވެ.މަންމަ އާއި ބައްޕަގެ ހުވަފެން ހަޤީޤަތަކަށް ހަދާ ނުދެވުނުތާގައި އޭނާ ރަށުން ފުރައިގެން މާލެ އައީ އެމީހުންގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައެވެ.އެންމެ ބޭނުމަކަށްޓަކައެވެ.ރަށަށް ފޮނުވާލާފައި ހުރި މީހެއްގެ ކަނުލޯބީގެ އަޅަކަށްވެގެންނެވެ.އޭނާ ނުހަނު ލޯބިން ބަލާބޮޑުކުރި މަންމަ އާއި ބައްޕަ އޭނާއަށް ބަޔަކަށް ނުވީ ކީއްވެހެއްޔެވެ؟ބައްޕަ އާއި މަންމަ ލޯބިންދިން ނަސޭހަތްތައް އޭނާއަށް އެދުވަހު އެއްޗަކަށް ނުވީ ކީއްވެ ހެއްޔެވެ؟ އެދުވަހު އޭނާއަށް މަންމަމެންނަށް ވުރެ ޝާރިހު ރަނގަޅުވީ ކީއްވެހެއްޔެވެ؟ މިފަދަ ހިޔާލުތައް ހިތަށް ވެރިވުމާއެކު ދީނާއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.ނަމަވެސް މިއަދު އޭނާގެ އެރުއިމުގެ އަޑުއިވޭނީ ކާކަށް ހެއްޔެވެ؟ލޯތްބާއި އޯގާތެރި ކަމާއެކު އެކޯތާފަތް މައްޗަށް އޮހެމުންދާ ކަރުނު ފޮހެލަދޭނީ ކޮން ދެއަތަކުން ހެއްޔެވެ؟ އެބޮޑު ގޭގެ ހަތަރުފާރުގެ އެތެރޭގައި އޭނާވަނީ ގައިދީއަކު ފަދައިން ހައްޔަރު ކުރެވިފައެވެ.ޝާރިހުގެ މުސްކުޅި ބައްޕަ އާއި އޭނާގެ ދޮންތަ ފިޔަވައި އޭނާއާއި ހެޔޮހިތުން އަނގައިން ބުނެލާ މީހަކުވެސް އެގެއަކު ނޫޅެވެ.ޝާރިހުގެ މަންމަ އެއްޗެކޭ ބުންޏަސް ބުނާނީ މަޖުބޫރު ވެގެންނެވެ.ޝާރިހުގެ ކޮއްކޮމެން އޭނާއަށް ޖެއްސުން ކުރުން ނޫންކަމެއް ނުކުރެއެވެ.އެކުދިން ގޭގައި އުޅޭ ވަގުތެއްގައި ވިއްޔާ އޭނާއަށް ރަނގަޅަށް އެއްކަމެއްވެސް ކުރެވޭކަމަކަށް ނުވެއެވެ.ޝާރިހުގެ ފަރާތުން އޭނާއަށް ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ލޯއްބާއި އަޅާލުމެއް ނުލިބެއެވެ.ނުވިތާގައި އޭނާގެ ފަރާތުން ލިބެނީ އަނިޔާއެވެ.އަޑުއިވެނީ ކަންފަތަށް އަޑުއަހަން ބޭނުންނުވާ ހިތް ފަޅައިގެންދާފަދަ ވާހަކަތަކެކެވެ.ރަށުގައި ހުރިއިރު އޭނާގެ އުޅުން ބަދަލުވެ ހެޔޮލަފާމީހެއްގެ ގޮތްދައްކައިގެން އުޅުނު ނަމަވެސް މާލެ އައުމާއެކު އޭނާގެ ކުރީގެ އުޅުމަށް ރުޖޫޢަވާކަށް މާކަގިނަދުވަހެއް ނުނެގިއެވެ.ވަޒީފާއެއްގައިވެސް އުޅެވުނީ ދެތިންމަސް ދުވަހުގައެވެ.މަސައްކަތަށް ފަރުވާކުޑަވުމުގެ ސަބަބުން އެތަނުންވެސް ކަނޑާލައިފިއެވެ.އޮފީހުން ކަޑާލުމުން އެކަމުގެ ޒިންމާވެސް ޝާރިހު އާއި އޭނާގެ މަންމަ އެޅުވީ ދީނާގެ ބޮލުގައެވެ.ތިމާއަށް ތިމާގެ ދަރި ދޮންފުތު ވާނެތާއެވެ.ޝާރިހުގެ މަންމަގެ ބަހުން ޝާރިހުއަށް ލިބޭ ކޮންމެ ނިކަމެތި ކަމަކީވެސް ދީނާގެ ސުންޕާކަމުން ވާހާކަންތަކެވެ.ނަމަވެސް........................................................
މިފަދަ ހިޔާލުތަކެއްގައި އިން ދީނާ ސިއްސައިގެން ދިޔައީ ފަތިސްނަމާދުގެ ބަންގީގެ އަޑަށްށެވެ.އޭނާއަވަސް އަވަހަށް ދެލޮލަށް ޖަމާވެފައިވާ ކަރުނުތައް އަތުގެ ނުފުށުން ފޮހެލަމުން ތެދުވެގެން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ.
އޭނާ ނަމާދުކޮށް ނިމުނުތަނާހެން ކޮޓަރީގެ ދޮރުގައި މީހަކު ތަޅައިގެން އަޑުއިވުނެވެ.އޭނާ އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ.ދޮރުމަތީގައި ހުރީ ޝާރިހުއެވެ.އެއީ ދެހަފުތާއަށް ފަހު އޭނާއަށް ޝާރިހު ފެނުނު ދުވަހެވެ. ދިޔަތަނެއް ކުރިކަމެއް އޭނާއަކަށް ނޭނގެއެވެ.އޭނާއަށް އެގޭކަމަކީ މިހާރުވެސް ޝާރިހު ހުރީ ހަމަހޭގައި ނޫންކަމެވެ.''ކީއްވެތަ ފާޑަކަށް ބަލަހައްޓައިގެން ތިހިރީ.ތަން ދައްކާ.އަހަރެން މިހިރީ ވަރަށް ވަރުބަލިވެފައޭ.'' ޝާރިހު ދީނާގެ މޭގައި އަތްއަޅާފައި ކޮއްޕާލިއެވެ.އެފަކީރަށް އެއްޗެއް ބުނާނެ ވަގުތެއްވެސް ނުދެއެވެ.އެވަގުތު އެފަދަ ކަމަކަށް ނުވިސްނާ ހުރި ދީނާ އަރިއަޅާލައިގެން ވެއްޓި ކައިރީގައި ހުރި މޭޒުގެ ކަނުގައިޖެހި ނިތްކުރިމަތިން ބޮޑުބައެއް ފަޅައިގެން ގޮސް ހޯސްލާފައި ލޭތަން އަންނަށް ފެށިއެވެ.ނަމަވެސް ޝާރިހު އެކަމަކަށް މާބޮޑުސަމާލުކަމެއް ނުދެއެވެ.އޭނާ ދެއަތަކަށް ކާލިއަޅަމުން ކަހަލަގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.ދީނާ އަށް ވީގޮތެއް އޭނާ ބަލާކަށް ބޭނުމެއް ނުވާ ކަހަލައެވެ.ދީނާ ފަކީރު ހަރަކާތް ހުއްޓި ވާނުވާ ނޭގި ބިންމަތީގައި އޮތެވެ.
ދީނާމެންގެ ކޮޓަރިތެރެއަށް އެއްޗެއް ވެއްޓުނު އަޑަށް ފަތިސްނަމާދުން އައިސް ގެއަށްވަން ނަސީރުގެ މިސްރާބު އެކޮޓަރި އާއި ދިމާއަށް ބަދަލުވިއެވެ.އޭނާ ގޮސް ހުޅުވިފައިވާ ދޮރުން ބޯދިއްކޮށް އެތެރެ ބަލާލިއެވެ.އެވަގުތު ބޮކީގެ ފަޑުއަލިކަމުގެ ތެރެއިން އޭނާއަށް ފެނިގެން ދިޔައީ ހިތްފަޅައިގެންދާ ފަދަ މަންޒަރެކެވެ.އޭނާއަށް ފެނުނީ ތަޅުންގަނޑުމަތީގައި ހަރަކާތް ހުއްޓި ލެއިން ތަތްތެޅިފައި އޮތް ދީނާއެވެ.ދީނާ އެހާލުގައި އޮތް އިރު ޝާރިހު އޮތީ އަރާމުނިދީގައި ނިދާލާފައެވެ.ނަސީރަށް އެމަންޒަރު ފެނުމުން އެރަޚްމެއްނެތް އިންސާނާއަށް ކުދިކިޔާލެވުނެވެ.އޭނާ އަވަސްއަވަހަށް ކޮޓަރިތެރެއަށް ވަދެ ދީނާ ނެގިއެވެ.ދީނާއޮތީ ޚަބަރު ހުސްވެފައެވެ.އޭނާ ދީނާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ދީނާއަށް ގޮވާލިއެވެ.ނަމަވެސް އެވަރުދެރަވެ ޚަބަރު ހުސްވެފައިވާ ދީނާއަކަށް މީހަކު ގޮވާހެނެއްވެސް ހިއެއް ނުވެއެވެ.އެވަގުތު އެކޮޓަރީގެ ދޮރުހުރަސްކުރި ޝާރިހުގެ ދޮންތަ ޝިފާއަށް އެމަންޒަރު ފެނުނެވެ.އޭނާ އެބުރި އައިސް ކޮޓަރި ތެރެއަށްވަނެވެ.
''ބައްޕާ.....ދީނާއަށް ކިހިނެއްވީ؟''ޝިފާއަށް ދީނާއޮތް ހާލުފެނުމުން ބުނެވުނެވެ.ނަސީރުވީގޮތް ކިޔައިދިނެވެ. ''ޔަޤީން ތިވާނީ ޝާރިހުގެ ކަމަކަށް.އޭނާގެއަށް އައީ ފަތިސްނަމާދަށް ވެސް ގޮވިފަހުން.އަހަރެން ދުށިން މަސްތުވެ ހުރެގެން ކޮޓަރިއާއި ދިމާއަށް އަންނަނިކޮށް.އެކަމަކުދޯ. ބައްޕާ!އަޅުގަނޑު އަންނާނަށް ކާރަކަށް ގުޅާފަ.ހޮސްޕިޓަލަށް ނުގޮސް ރަނގަޅެއް ނުވާނެ.ވަރަށް ބޮޑުތަނެއް ފަޅައިގެން ގޮސްފަވެސް އެހެރީ.އަނެއްކާ ދީނާގެ ވަރަށް ވަރުދެރައެއްނު...''ޝިފާ ބައްޕަގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލާ އަވަސްއަވަހަށް ގޮސް ކާރަކަށް ގުޅިއެވެ.ކާރު އައުމާއެކު ދެބަފައިން ވެގެން ދީނާ އަތުލަފި ކޮށްގެން ގޮސް ކާރަށް އެރުވިއެވެ.އެމަންޒަރު ޝާރިހުގެ މަންމައަށް ފެނުނުނަމަވެސް ފެނުނުކަމަށްވެސް ހަދާނުލިއެވެ.ފާޑަކަށް މޫނުހަދާލަމުން ގޮސް އޭނާވަނީ ޝާރިހުގެ ކޮޓަރިއަށްށެވެ.ޝާރިހު މަރުނިދީގައި ނިދާފައި އޮތް މަންޒަރު ފެނުމުން އަމިއްލަ ނަފުސަށް ހިނިތުންވެލުމަށް ފަހު ޝާރިހުގެ މަންމަ ޝާފިޔާ ގޮސްވަނީ ކޮޓަރިއަށެވެ.އޭނާގެ ހިތުގައި ރަޚްމުގެ ކަންފުޅެއް ވެސް ހުރިހިނެއް ހިއެއް ނުވެއެވެ.އޭނާގެ ކިބައިން އިންސާނިއްޔަތު ކަމުގެ އަސަރެއްވެސް ފާޅެއް ނުވިއެވެ.އަނެއްކާ އެއީ އިންސާނެއްބާއެވެ؟އޭނާގެ ހަށިގަނޑުގެ ތެރޭގައި ވިންދުޖަހާ ހިތެއް ވެސް ނެތީބާއެވެ؟
ޑޮކުޓަރ ދީނާގެ ނިތްކުރިން ފަޅައިގެންގޮސްފައިވާ ތަނުގައި ބޭސްއެޅުމަށް ފަހު ދީނާގެ ވަރުދެރަކަމުން އެނދުމަތިކުރަން ބޭނުންވާ ވާހަކަ ބުންޏެވެ.ނަސީރާއި ޝިފާއާއި ދެބަފައިންވެސް އެކަމަށް އެއްބަސްވިއެވެ.ދީނާ ގާތު ހޮސްޕިޓަލުގައި މަޑުކުރީ ޝިފާއެވެ.ބައްޕަ ދިޔުމުން ޝިފާ ދީނާއޮތް އެނދާއި ގޮޑި ކައިރިކޮށްލުމަށް ފަހު އިށީއްނިއެވެ.އަދި ދީނާގެ ބޮލުގައި ފިރުމާލަމުން ވާހަކަދައްކަންފެށިއެވެ.''ބުނެބަލަ.އަސްލު ވެއްޓެންދިމާވީ ކީއްވެ؟
''އެވީގޮތަކީ ....ކުޑަކޮށް އަބުރާގޮތްވެފަ ހުއްޓާ އަހަންނަށް ތެދުވެގެން ހިނގައިގަނެވުނީ.''ދީނާ ދެލޯމަރާލަމުން ޤަސްދުގައި ދޮގެއް ހަދާލިއެވެ.''އަހަންނަށް އިނގޭ ދީނާ ތިހެދީ ދޮގުކަން.އަހަންނަށް އިނގޭ ޝާރިހުއަކީ އަހަރެންގެ އެއްބަފާ ކޮއްކޮކަން ވެސް.އެކަމަކުވެސް އަހަންނަކަށް ކަމަކުނުދޭ އޭނާ އެއުޅޭ ވައްތަރެއް.ދީނާ. ދީނާ ކީއްވެތަ އެއަނިޔާވެރިޔާގެ އަތްދަށުގަ މުޅިޢުމުރު ހޭދަކުރަން ބޭނުންވަނީ.''
''ދޮންތާ.އަހަރެން..... އަހަރެން..ޝާރިހުދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް އަހަރެން މީހަކުދެކެ ލޯބި ނުވާވަރަށް ލޯބިވޭ.މިއަނިޔާއަށްވެސް ކެތްކުރެވެނީ އެހެންވެ.''ދީނާގެ އަޑުގައި ރިހުން އެކުލެވެއެވެ.''މޮޔަޔާ.ތީލޯތްބެއް ނޫން..އަމުދުން ޝާރިހު ކަހަލަ މީހެއް ދެކެ ލޯބިވުމަކީ ދީނާއަށް ކުރެވުނު އެންމެ ބޮޑު މޮޔަ ކަންތައް. ދީނާގެ ތިޒުވާން ޢުމުރު އެއަނިޔާވެރިޔާއަށްޓަކައި ދުއްވާނުލާބަލަ. ހެޔޮނުވާނެ. އާދޭސް މިކުރަނީ. އެއީ އަހަރެންގެ ކޮއްކޮއަށްވިޔަސް އެއަނިޔާވެރިޔާގެ އަތްދަށުން ދީނާ ސަލާމަތްކޮށްދިނުމަށްޓަކައި އަހަރެން މިހިރީ ދީނާއަށް އެހީތެރިވާން ތައްޔާރަށޭ.ލޯބިވެޔޭ ކިޔާފަ އޭނާ ޖަހާހާބެރަކަށް ނަށާކަށް ދީނާއަކަށް ނުޖެހޭނޭ.ދީނާއަށް ވެސް ދީނާ ބޭނުންވާ ގޮތް ހާމަ ކުރެވެން ޖެހޭނެ.އަބަދު ކޮއްޓެއްގަ ބަންދުވެފަ އިންނަ ދޫންޏެއް ފަދައިން ރޮއިލަ ރޮއިލާ އިންނާކަށް ދީނާއަށް ނުޖެހޭނެ.ދީނާއަށް ދީނާގެ މިނިވަންކަން އޮންނަށް ޖެހޭނެއޭ.އަދި އަމިއްލަ ދިފާޢުގައި ވާހަކަވެސް ދެއްކެން ޖެހޭނެ.'' ''ދޮންތާ!އަހަރެން ޝާރިހުގެ ކިބައިން ސަލާމަތްވެގެން ވެސް ވަކިދާނީ ކޮންތާކަށް. އަހަރެން ޝާރިހު އާއިއެކު އައީ މަންމަމެންވެސް އަބަދަށް ދޫކޮށްލާފަ.އަހަންނަކަށް ނުކެރޭނެ އެބުރި އެމީހުން ގާތަށް ދާކަށް.''ދީނާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ.
''ތީދޯ ހުރިހާވެސް މައްސަލައަކީ. ދީނާ. މައިންބަފައިންނަށް ދަރިންނަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެ ބައެއް ނޫނޭ. އެކަމަކު ބައެއް ދަރިން މައިންބަފައިން މަތިން ހަނދާން ނައްތާލާ.އަހަންނަށް ޔަޤީން ދީނާގެ މަންމަވެސް އަދި ބައްޕަވެސް ދީނާއަށް މަޢާފުކުރާނެކަން.އެންމެ ފަހަރަކުވެސް ދީނާ އަހަރެން ގާތު ބުނޭ ޝާރިހުގެ ކިބައިން ސަލާމަތްވާން ބޭނުމޭ.އޭރުން ދެންކުރަން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން.އަހަންނަކަށް ކުޅަދާނައެއް ނޫނޭ ދީނާ ތިއުޅޭ ހާލުދެކޭކަށް.އަހަރެން ދިރިއުޅޭ ގޭގަ އަހަރެން ކަހަލަ އަންހެނަކަށް އަނިޔާ ލިބުމަކީ އަހަރެން އެދޭ ގޮތެއް ނޫނޭ.''ޝިފާ ބޭނުންވީ ދީނާ ޝާރިހުގެ ކިބައިން ސަލާމަތް ކުރާށެވެ.ޝިފާ އާދޭސް ކުރަން ފެށުމުން އެންމެ ފަހުން ދީނާވެސް ހިތާދެކޮޅަށް ނަމަވެސް އެކަމާއި އެއްބަސްވިއެވެ.
ނަސީރު ގެއަށް ދިޔައިރުހުރީ ވަރަށް ރުޅިއައިސްފައެވެ.ގެއަށް ވަނުމާއެކު ސިޓިންރޫމުގައި ރައްޓެހިކުދިން ތަކަކާއި އެކު ފިލްމެއް ބަލަން އިން ޝާރިހު ފެނުމުން އޭނާގެ ރުޅި ކޮންޓުރޯލުން ނައްޓާގޮތްވިއެވެ.އޭނާ އެދިޔަގޮތަށް ގޮސް ޓީވީގެ ސުވިޗު ނިއްވާލިއެވެ.''ބައްޕާ!ތިކުރީ ކީއްތަ؟''ނަސީރުގެ ޢަމަލުތައް ހުރިގޮތުން ޝާރިހުގެ ރައްޓެހިންތައްވެސް ޖެހިލުންވިއެވެ.އެމީހުން އެހެން ވަގުތަކުން އަންނާނަމޭ ބުނެފައި އަވަސް އަވަހަށް އެގެއިން ނިކުތެވެ.
''ބުނަށް ރަނގަޅު ވާހަކައެއް.މީއަހަރެންގެ ގެ.މިގޭގައި އަދި ހިނގާނީ އަހަރެންގެ އަމުރު.ކަލޭ ބޭނުން ގޮތަކަށް މިގޭތެރޭގައެއް ނޫޅެވޭނެ.'' ''ނަސީރު.ކިހިނެއްވެގެންތަ ތިއުޅެނީ.ޝާރިހު ކީއްކުރީތަ؟''ޝާފިޔާ ކޮޓަރިން ބޯދިއްކޮށްލަމުން ބުނެލިއެވެ.''ޝާފިޔާއަށް ހަމަނޭގޭތީތަ ތިއަހަނީ.ނޭގޭތަ މިގޭތެރޭގައި ބަޔަކު ނުހަނު ލޯބިން ބަލާބޮޑުކުރި އަންހެންކުއްޖަކު ގެނެސްގެން އޭނާ ހިތުހުރިގޮތަކަށް އެކުއްޖާ އާއި މެދު ކަންތައްކުރާކަމެއް. ޝާފިޔާއަށް ހަމަނޭގޭތީތަ އެކުއްޖާ މިގޭ ނޯކަރަކަށް ހެދީ.ބުނަން ރަނގަޅު ވާހަކައެއް.ޝާރިހު ބޭނުންނެތިއްޔާ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން އެކުއްޖާ މިގޭތެރޭގައި ގެންގުޅޭނެކަމެއްނެތް.އަހަންނަށް ރަނގަޅީ ހަމަ މިއަދުވެސް އެކުއްޖާ މިނިވަންކޮށް ދޫކޮށްލިއްޔާ.''ނަސީރު އޭނާގެ އެންމެ ފަހު ނިއްމުން އިއްވިއެވެ.
"އަމުދަކުން އަހަރެން ނޫޅެން އޭނާ އާއި ހެދި މޮޔަވެގެން.އަހަރެން އޭނާ އާއި އިނީ އެރަށުގަ އުޅެން ފަސޭހައަކަށް." "ދެންކީއްކުރާށޯ އެކުއްޖާ މާލެގެނައީ.''ނަސީރު ޝާރިހުގެ ވާހަކަ މެދުކަޑާލަމުން އަވަސް އަވަހަށް ބުންޏެވެ.''އެއީ ދީނާގެ މައިންބަފައިން އަހަންނާއި ދިމާއަށް ކީއެއްޗެހީގެ ބަދަލުހިފާލުމަށް ބޭނުންވާތީ.ދުވަހަކުވެސް އަހަރެން އޭނާ ދެކެ ލޯއްބެއްނުވޭ.އަދިނުވެސް ވާނަން.ބައްޕަ ބޭނުންވަނީ އަހަރެންގެ ކިބައިން އެންމެކަމެއްނުދޯ.އެއީ އޭނާމިނިވަންކޮށް ދޫކޮށްލުމެއްނު.މިއަދުން ފެށިގެންދީނާއަކީ އަހަރެންގެ އަތްބެއްނޫން....'' ޝާރިހުގެ ދުލުން އެލަފުޒުބޭރުވީ ވަގުތުވީ ދީނާ އާއި ޝިފާއަށް އައިސް ގެއަށް ވަދެވުނު ވަގުތަށްށެވެ.
''ޝުކުރިއްޔާ ޝާރިހު.އަހަރެން ޝާރިހުދެކެވީ ލޯބީގެ ހައްޤުގަ ތިދިނީ ވަރަށް ބޮޑު ހަދިޔާއެއް.ޝާރިހުގެ ލޯބިލިބޭތޯ އަހަރެން ...ވަރަށް ކެތްކޮށްފިން.އެކަމަކު އަހަންނަކަށް ޝާރިހުގެ ލޯތްބެއް ނުލިބުނު.ޝާރިހު ފަރާތުން ކެނޑިނޭޅި އަހަންނަށް ލިބެމުންދިޔަ އަނިޔާތަކަށް އަހަރެން ކެތްކުރީވެސް ކޮންމެވެސް ދުވަހަކުން އަހަންނަށް ޝާރިހުގެ ލޯބިލިބޭނެ ކަމަށް.އެކަމަކު...... އެކަމަކު މިހާރު އަހަންނަށް އެގިއްޖެ ޝާރިހު އަހަންނަށް ދެއްކީ އަވާމެންދުރެއްކަން.ދެރައީ އަހަންނަށް ވިސްނުނުއިރު މާލަސްވިކަން.އަހަންނަށް ވިސްނައިދިނީތީ ބައްޕަ އާއި ދޮންތައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.ދެން އަހަރެންގެ ފަރާތުން ޝާރިހުއަކަށް އުނދަގުލެއް ނުވާނެ.ދެންދަނީ.'' ދީނާ އެގެއިން ނިކުތުމަށް ހިނގައިގަތީ އޭނާ ކުރިމަގަށްޓަކައި ދުށް ހުވަފެންތައް ބިލާހަކަށްވީކަން ހިތާ ނަފުސުން ޤަބޫލުކުރަމުންނެވެ.ޝާރިހުގެ ލޯބި ހޯދުމަށްޓަކައި ކިތަށްމެ ވޭނަކަށް އޭނާ ކެތްކުރިނަމަވެސް އެއީ ނުލިބޭނެ ލޯތްބެއްކަން ޤަބޫލުކުރަމުންނެވެ.ދެން ދުވަހަކުވެސް އޭނާ އެފަދަ ލޯތްބެއް ޝިކާރައަކަށް ނުވާނެއެވެ.އޭނާއަށް ދުނިޔެ ދަސްވެއްޖެއެވެ.(ނިމުނީ)
ލިޔުނީ: އިލްމާނާ މައުމޫން / ގުލްޒާރުގެ / ލ.އިސްދޫ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް