ކެންސަރު ބަލި ޖައްސާ ސެލް މަރާލާ ވައިރަސް އެއް އުފައްދައިފި!

މިފަހަކަށް އައިސް އެންމެ ގިނައިން ދުނިޔޭގައި މީހުންނަށް ޖެހޭ އަދި އެންމެ ގިނަ މީހުން ދުނިޔެ ދޫކުރާ ބަލީގެ ތެރޭގައި ކެންސަރު ބަލި ހިމެނެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންސްވެރިން ގުޅިގެން ދަނީ ކެ...

28 May 2017 | 04:15

މިފަހަކަށް އައިސް އެންމެ ގިނައިން ދުނިޔޭގައި މީހުންނަށް ޖެހޭ އަދި އެންމެ ގިނަ މީހުން ދުނިޔެ ދޫކުރާ ބަލީގެ ތެރޭގައި ކެންސަރު ބަލި ހިމެނެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންސްވެރިން ގުޅިގެން ދަނީ ކެންސަރު ބައްޔާ ހަނގުރާމަ ކުރެވޭނެ ފަދަ ފަރުވާއެއް ހޯދުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިޒަމާނުގައި ކެންސަރު ބަލިޖެހުން އިތުރުވެފައިވަނީ ބޭނުން ކުރެވޭ ކޮސްމެޓިކްސް، ތައްޔާރީ ކާނާ ފަދަ އެއްޗެހި އުފެއްދުމުގައި ޓައިޓޭނިއަމް ޑައިއޮކްސައިޑް  ކިޔާ ކެމިކަލެއް ބޭނުން ކުރާތީ ކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެގްރިކަލްޗރަލް ރިސާޗުން ކުރި ދިރާސާއަށްފަހު ބުނެފައިވެ އެވެ.

އެކަމަކު މިހާރު މިވަނީ އެ ބަލިން ރައްކާތެރިވެވިދާނެ ނުވަތަ ސަލާމަތްވެވިދާނެ ކަމުގެ އިތުރު ގޮތެއް ހޯދާފައި އެވެ. ސްވިޒަލޭންޑުގެ ޔުނިވާސިޓީ އޮފް ޖެނީވާ އާއި ޔުނިވާސިޓީ އޮފް ބަސެލްގެ ސައިންސްވެރިން ގުޅިގެން ކުރި ދިރާސާއަކަށް ފަހު ވަނީ ކެންސަރު ބަލި ޖެހޭ ސެލް ނައްތާލުމަށް އަސްލު ނޫން ވައިރަސްއެއް ތައްޔާރު ކޮށްފައި އެވެ.

އިންސާނުންނާއި މީދަލަށް ބޭނުން ކުރުމުން އެއްގޮތްތަކެއްވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިންފޮސިޓިކް ކޮރޯމެނައިޓިސް ވައިރަސް އަސްލަކަށް ބަލައިގެން ތައްޔާރު ކުރި މި ވައިރަސް އުފެއްދުމަށް ފަހު މިހާރު ވަނީ މީދާ މެދުވެރިކޮށް ޓެސްޓުކޮށްފައި އެވެ. އެ ދިރާސާއަށް ފަހު ބުނެފައިވަނީ ސައިންސްވެރިން ތައްޔާރު ކުރި އަސްލު ނޫން ވައިރަސް ފޮނުވާލަނީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކަމަށެވެ.

ކެންސަރު ޖައްސާ ސެލް އުފެދެނީ ދިފާއީ ނިޒާމުގެ ތެރޭގައި އެވެ. އެހެންވެ ސައިންވެރިން އުފެއްދި ސެލް ދިފާއީ ނިޒާމުގެ ތެރެއަށް ފޮނުވާލުމުން ކެންސަރު ޖައްސާ ސެލް އެ ނިޒާމުގެ ތެރެއަށް ދިއުމުން ނުވަތަ އުޅޭނަމަ އެލާމް ވެ އެވެ. އަދި ކެންސަރު ޖައްސާ ސެލް މަރާލައި ނުވަތަ ނެތި ކޮށްލައެވެ.

މި ސެލް އިންސާނުން މެދުވެރިކޮށް ޓެސްޓުކޮށް ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހު އެމެރިކާގެ ބޮސްޓޮން ޔުނިވާސިޓީ އޮފް މެޑިސިން އިން  ވަނީ ކެންސަރާއި އެއީޑްސް ފަދަ ބޮޑެތި ބަލިތައް ވެކްސިނަކުން ނައްތާލެވޭނެ ކަމުގެ އުންމީދުވެސް ދީފައި އެވެ. އެގޮތުން “ޕްރޯބީ” ނަމަކަށް ކިޔާ ޕްރޮޓީން އެއް އެކުލެވޭ ވެކްސިން އަކީ މިފަދަ ބަލިތައް ނައްތާލެވިދާނެ ވެކްސިނެއް ކަމަށް އެމީހުން ބުނެ އެވެ. އެގޮތުން ކުރި ދިރާސާ ތަކުގައި “ޕްރޯބީ” އެކުލެވޭ ވެކްސިން ދިނުމުން އެފަދަ ބަލިތައް ޖެހިފައި ހުންނަ ސެލްތައް މަރުވާ އަދަދަށް ސެލްތަކަށް ދިރުން ލިބެ އެވެ. އަދި ދިފާއީ ބާރު ވަރުގަދަ ކޮށްދެ އެވެ.

ކެންސަރާއި އެޗްއައިވީ ފަދަ ބޮޑެތި ބަލިތައް ޖެހުމުން ހަށިގަނޑުގެ ދިފާއީ ބާރު ދެރަކޮށްލާ، ހަރަކާތްތެރި ސެލްތައް މަރާލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް