ތިމަރަފުށީގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ނެތްތާ 24 ގަޑި އިރަށް ވުރެ ގިނައިރު ވެފައި

ތ. ތިމަރަފުށީގައި ކަރަންޓުގެ ހިދުމަތް މުޅި ރަށަށް ނުލިބޭތާ 24 ގަޑި އިރަށްވުރެ ގިނަ އިރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. ތިމަރަފުށީ ކައުންސިލުން ބުނީ މުޅި ރަށުން ކަރަންޓު ކެނޑިފައިވަނީ...

28 May 2017 | 03:45

ތ. ތިމަރަފުށީގައި ކަރަންޓުގެ ހިދުމަތް މުޅި ރަށަށް ނުލިބޭތާ 24 ގަޑި އިރަށްވުރެ ގިނަ އިރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތިމަރަފުށީ ކައުންސިލުން ބުނީ މުޅި ރަށުން ކަރަންޓު ކެނޑިފައިވަނީ ހުކުރު ދުވަހު ހަވީރު ކަމަށެވެ. އޭގެ ފަހުން ބައެއް ގޭގެއަށް ކަރަންޓު ދިން ނަމަވެސް އެ ގޭގެއިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާ ކަމަށެވެ. އެ ރަށުގައި ހުންނަ ސަރުކާރު މުއައްސަސާތަކުގައިވެސް ކަރަންޓު ނެތް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުން ބުނީ އިންޖީނު މަރާމާތު ކުރުމަށް ރަށުން ބޭރުން އެއްވެސް ޓެކްނީޝަނެއް ފެނަކައިން އެ ރަށަށް އަދިވެސް ނުފޮނުވާ ކަމަށެވެ. އަދި އެ ރަށުގައި ތިބި ޓެކްނީޝަނުން ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ތިމަރަފުށީގައި ހުރި އެންމެ ތަޖުރިބާކާރު ޓެކްނީޝަން ހުރީ ވަޒީފާއިން ވަކިކޮށްފައި ކަމަށް މައުލޫމާތު ދެ އެވެ. ކައުންސިލުން ބުނީ ކަރަންޓު ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

އާންމުކޮށް ރަށެއްގެ ކަރަންޓު މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ފެނަކައިން ވަގުތުން ބަޔާން ނެރެ އެވެ. އެކަމަކު ތިމަރަފުށީ ކަރަންޓުގެ މައްސަލައިގަ މިހާތަނަށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރު 12:00 ގެ ކުރިން މުޅި ތިމަރަފުށްޓަށް ކަރަންޓު ނުދެވިއްޖެ ނަމަ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދަން ފެނަކަ އާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް