ދިވެހިންނަށް ހިންދީ ޑްރާމާ ސީރީޒްތައް ތައާރަފްވި ދުވަސްވަރު އެންމެ މަޝްހޫރު "ކަސައުޓީ ޒިންދަގީ ކީ" ޑްރާމާ ސީރީޒްގައި ލީޑްރޯލް ކުޅުނު ޝްވެތާ ތިވާރީ (ޕްރޭނާ) މަރު ނުވާ ކަން އޭނާ އަމިއްލައަށް ހާމަކޮށްފި އެވެ.
ޕްރޭނާ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ހެނދުނު ސޯޝަލް މީޑިއާގައި ކޮންމެސް މީހަކު އޭނާ މަރުވެއްޖެ ކަމަށް ބުނެ ތައުޒިއާ ކިޔާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ވަރަށް އަވަހަށް ފެތުރި އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި އަބީނާވް ކޮއްލީއަށް އެތައް ބަޔަކު ގުޅި ކަމަށެވެ.
އެކަމާ ހާސްވެގެން ފިރިމީހާ ގުޅުމުން އެއީ ދޮގެއްކަން ޔަގީން ކޮށްދޭން ގިނަ ވާހަކަތަކެއް ދައްކަން ޖެހުނު ކަމަށް ޕްރޭނާ ބުންޏެވެ. އަދި މީހުން ދެއްކި ވާހަކަ ގަބޫލުކޮށްގެން ފިރިމީހާ އެހާ ހާސްވެގެން ގުޅުމުން ހިނި އައި ކަމަށް އޭނާ ބުންޏެވެ.
ޕްރޭނާ ބުނެފައިވަނީ މިއީ އޭނާ މަރުވެއްޖެ ކަމަށް ބުނެ ހަބަރު ފެތުރު ތިން ވަނަ ފަހަރު ކަމަށެވެ. އޭނާ މަރުވެއްޖެ ކަމަށް ބުނެ ހަބަރު ފެތުރުމުން މިހާރު އަޅާލައި އެއީ ދޮގެއްކަން ސާބިތުކޮށްދޭން ބޭނުން ނުވާ ކަމަށާއި، ދުވަސް ކޮޅު ކޮޅުން މަރާލާތީ އެކަމަށް އާދަވެފައިވާ ކަމަށެވެ.
ޝްވެތާ އެންމެ މަޝްހޫރުވީ ސްޓާ ޕްލަސް އިން 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް ދެއްކި "ކަސައުޓީ ޒިންދަގީ ކީ" އިންނެވެ. އޭގެ ފަހުން އޭނާ ދެ ޑްރާމާ ސީރީޒް އެއް ކުޅުމަށް ފަހު މިހާރު ސީރީޒްތައް ކުޅުމާއި ދުރުގައި ހުންނަތާ ދެ އަހަރެއް ވަރު ވެއްޖެ އެވެ.
ޝްވެތާގެ ފިރިމީހާ އަބީނާވް ކޮއްލީ އަކީ އޭނާގެ ދެ ވަނަ ކައިވެންޏެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް