ނިޒާރުގެ މަރުގެ މައްސަލައިގަ ދައުވާ ލިބޭ ކުއްޖާ 16 އަހަރަށް ޖަލަށް

ލ. ގަމު، ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ކުއްޖާ 16 އަހަރާއި ހަ މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔ...

28 May 2015 | 09:15

ލ. ގަމު، ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލަށް ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ކުއްޖާ 16 އަހަރާއި ހަ މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ނިޒާރު މަރާލި މައްސަލާގައ އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން މުކުރިމަގު، ދުނިފަރު އަހުމަދު ޝުޖާއު އާއި އެ އަވަށު ލައިޓްރޫމް އަހުމަދު ސަބާހާއި ގަމު އަސްރަފީގޭ ހުސައިން ސާބިރުގެ މައްޗަށެވެ. އެ ތިން މީހުން ވެސް އެ ދައުވާ އަށް އިންކާރު ކުރެ އެވެ.

މިއަދު 16 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކުއްޖާއަށް ހާދިސާ ހިނގިއިރު 17 އަހަރެވެ. މިހާރު އެކުއްޖާގެ އުމުރަކީ 19 އަހަރެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޓެރަރިޒަމްގެ ދައުވާއަށް އެކުއްޖާ އިންކާރުކުރިނަމަވެސް ނިޒާރަށް އެކުއްޖާ ހަމަލާދިންތަން ދުށް ކަމާއި ހަމަލާދިން މީހުންގެ ތެރޭގައި އެކުއްޖާ ހުރި ކަމަށް ދެ މީހަކު ހެކިބަސްދީފައިވާ ކަމަށެވެ.

ހާދިސާ ހިނގިތަނުގައި ނިޒާރު ވެއްޓިފައި އޮތްއިރު އޭނާގެ ބޯ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމާއި އެތަނުން ހަމަލާދިން ކަމަށް ބެލެވޭ ދަގަނޑު ބުރި އަކާއި ލަކުޑިބުރިއަކާއި ދަނޑިބުރިއެއް ފެނިފައިވާ ކަން ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެކުއްޖާގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ދިވެހިރާއްޖޭގަައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

ނިޒާރު މަރުވެފައި ވަނީ 2013 ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް އޭނާ ސައިކަލުގައި ދަނިކޮށް ބަޔަކު މީހުން އޭނާއަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް