ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް ހާއްސަ ރޯދަ ހަދިޔާއެކު ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިއްޔެ މާލޭގެ ބައެއް ގޭގެ އަށް ޒިޔާރަތްކުރައްވައިފި އެވެ.
މި ހަދިޔާއަކީ ރޯދަ މަހަށް ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދެއްވާ ހަދިޔާއެކެވެ. ހަދިޔާގެ ގޮތުގައި ދެއްވަނީ ކަދުރާއި ހަނޑުލުގެ އިތުރުން ފައިސާ އެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2000 ރުފިޔާއާއި ކަދުރު ކިލޯއެއްގެ އިތުރުން 10 ކިލޯ ހަޑޫ ދެއްވަ އެވެ. އަދި އެކަނިވެރި މައިންނަށްވެސް 2000 ރުފިޔާއާއި ކަދުރު ކިލޯއެއްގެ އިތުރުން ފަސް ކިލޯ ހަނޑޫ ދެއްވަ އެވެ.
މުލިއާގޭ ޑިރެކްޓަރު ފާތުމަތު ރަހުމާ ވިދާޅުވީ ރޯދަ ހަދިޔާ ބައްސަވަން ފައްޓަވައިދެއްވީ މެޑަމް ފާތުން އަމިއްލަފުޅަށް ގޭގެ އަށް ވަޑައިގެން ކަމަށެވެ. އެ ޒިޔާރަތުގައި ހަދިޔާ ހަވާލުކުރެއްވުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހާލު ބައްލަވާހެއްދެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޯދަ މަހާ ދިމާކޮށް ސޮދަގާތެއްގެ ގޮތުގައި ހަދިޔާއެއް ބައްސަވަނީ. މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް އެ ހަދިޔާ ފޮނުވާގޮތަށް ނިންމާފައި ވަނީ،" ރަހުމާ ވިދާޅުވި އެވެ.
މީގެ އިތުރުން ލިސްޓު ކޮށްފައިވާ ފަގީރުންނަށް ވެސް ހަނޑުލާއި ކަދުރު ރައީސްގެ ދެކަނބަލުންގެ ފަރާތުން ލިބޭނެ ކަމަށް ރަހުމާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް