ކާރިސާތަކާބެހޭ މައުލޫމާތު ދުރާލާ އަވަހަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ފަރާތުން ގޮވާލައިފި

ދުނިޔޭގައި ކާރިސާތަކާބެހޭ ފެންވަރު ރަނގަޅު މައުލޫމާތު ދުރާލާ އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުމަށް  މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ މަޖީދު ގޮވާލައްވައިފ...

28 May 2015 | 09:13

ދުނިޔޭގައި ކާރިސާތަކާބެހޭ ފެންވަރު ރަނގަޅު މައުލޫމާތު ދުރާލާ އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުމަށް  މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ މަޖީދު ގޮވާލައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރު މިކަމަށް ގޮވާލެއްވީ ސްވިޒަލެންޑްގެ ޖެނީވާގައި ފެށުނު ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ WMO)) ގެ 17 ވަނަ މީޓިއޮރޮލޮޖިކަލް ކޮންގްރެސްގެ ހައިލެވެލް ސެގްމެންޓްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ސެގްމެންޓްގައި ވާހަކަ ދައްކަވަމުން މަޖީދު ވަނީ 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް ދިރިއުޅޭނީ ބޮޑެތި ތައްރަށުގައި ކަމަށްވާތީ ފެންވަރު ރަނގަޅު، ކާރިޘާތަކާއި ބެހޭ މަޢުލޫމާތު ދުރާލާ އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މިއީ މި ދުނިޔޭގެ ޤައުމުތަކުގެ މޫސުމާއިބެހޭ އިދާރާތަކަށް ބޮޑު ގޮންޖެހުމަކަށްވާނެތީ ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާއިން މިކަމަށް މަގުފަހިކޮށްދީ، އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

މިއަހަރަކީ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއާއި ބެހޭ ލަނޑުދަނޑިތަކެއް  އ.ދ އިން ކަނޑައަޅައި ޖައްވުގެ ތެރެއަށް ބޭރުކުރަމުންދާ ވިހަ ގޭސް ކޮންޓްރޯލްކުރުމާއި ބެހޭ މުޢާހަދާއެއްގެ މައްޗަށް މިއަހަރު ޑިސެމްބަރު މަހު ޕެރިހުގައި ބޭއްވޭ މޫސުމާއިބެހޭ ޖަލްސާގައި އެއްބަސްވެވޭނެ އުއްމީދުތައް އާވެފައިވާ އަހަރެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރލްޑް މީޓިއޮރޮލޮޖިކަލް ކޮންގްރެސްގައި މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ މަޖީދުގެ އަރިހުގައި މޯލްޑިވްސް މީޓިއޮރިލޮޖިކަލް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޝަރީފުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް