ރ. އިފުރުގައި ތަރައްގީކުރި ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިފުރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިފުރު އެއާޕޯޓާ އެކު ރ. އަތޮޅުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދޭނެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރިސޯޓު ހަދަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ސަރުކާރަށް ނެގުމުން އެ ސަރަހައްދުތަކުގެ ރައްޔިތުންގެ މާޔޫސްކަން ފިލާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ގިނަ ފަސޭހަތަކަކާއި އިނާޔަތްތަކެއް ދަނީ ދެމުންނެވެ. އެ ގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި އެއް ކަމަކީ ރިސޯޓު ހަދަން ނަގާ ލޯނުގެ އިންޓަރެސްޓް ހަތަރު ޕަސެންޓަށް ވުރެ ބޮޑު ނުވާ ނަމަ، ދައުލަތުން ސޮވެރިން ގެރެންޓީއެއް ދިނުމެވެ.
ސަރުކާރުގެ ކުޑަ ހިއްސާއެއް ހިމެނޭ ގޮތަށް އެގްރޯ މެރިން ނަމަކަށް ކިޔާ ކުންފުންޏަކާ އެކު އުފެއްދި އިފުރު އިންވެސްޓްމަންޓާ އިފުރު ހަވާލުކުރީ ރިސޯޓު ތަރައްގީކުރަން ތިން ރަށެއް ދޭ ގޮތަށް މޭ، 2011ގަ އެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓު ތަރައްގީ ކުރި އިފުރު އިންވެސްޓްމަންޓުން ވަނީ އެ އެއާޕޯޓު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
އިފުރު އެއާޕޯޓު ހިންގުމުގެ ހުއްދަ އައިއޭއެސްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ، ސިވިލް އޭވިއޭޝަނާއި ރީޖަނަލް އެއާޕޯޓްސް ބަލަހައްޓަވާ، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އައިއޭއެސްގެ ފަރާތުން އެ ހުއްދައާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.
ދަރަވަންދު އާއި ގއ. ކޫއްޑޫ އެއާޕޯޓު ވެސް ހިންގާ އައިއޭއެސް އިން އިފުރު އެއާޕޯޓު ހިންގަނީ އިފުރު އިންވެސްޓްމަންޓާ އެކު ހެދި މެނޭޖްމަންޓު އެއްބަސްވުމެއްގެ ދަށުންނެވެ.
އިފުރު އެެއާޕޯޓަށް މޯލްޑިވިއަން އިން މާދަމާ ރަސްމީކޮށް ދަތުރުތައް ފަށާނެ އެވެ. ދުވާލަކު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާއިރު ދެކޮޅު ޓިކެޓް ވިއްކަނީ 1،554 ރުފިޔާ އަށެވެ.
މާލެއިން އުތުރުގައި ހުޅުވި ތިން ވަނަ އެއާޕޯޓާ އެކު ރާއްޖޭގައި 11 އެއާޕޯޓު ހުޅުވުނީއެވެ. އެއީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓާއި ހަތް ޑޮމެސްޓިކް އެއާޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް