އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނަން: ރައީސް ޔާމީން

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމާއި ރައީސް އަބްދުﷲ ޔާމީންއާއި ގުޅުން ވާކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރައ...

28 May 2015 | 05:30

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމާއި ރައީސް އަބްދުﷲ ޔާމީންއާއި ގުޅުން ވާކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ރ. އިފްރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިމްރާންގެ މައްޗަށް ކުރައްވާނީ އަމުރުގެ ދައުވާ ނޫންކަމަށާއި އޭގެ ބަދަލުގައި ކުރައްވާނީ ޖިނާއީ ދައުވާ ކަމަށެވެ. މިއަދު އެފަދަ އިލްޒާމެއް އެމަނިކުފާނުގެ ބޮލުގައި އަޅުވަމުންދާއިރު އަދިވެސް ޑރ އަފްރާޝީމް ޝަހީދުކޮށްލުމުގެ މޮޅިވެރިކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި އެ އަޅުވަނީ ބޮޑު ބަދުނާމެއްކަމަށާއި އެކަމުގެ ހައްގު ޖަޒާ މި ސަރުކާރުން އެމީހުންނަށް ދޭނެ ކަމަށެވެ. އެގޮތުން އެތުހުމަތުގެ ޖަޒާ ދޭނީ ޝަރުއީ މަރުހަލާ މެދުވެރިކޮށް ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކާއި ގުޅިގެން ޝެއިހް އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިމިވަނީ އެ ތުހުމަތުތައް ކުރެއްވި އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ރައީސް ޔާމީން ދައުވާ ކުރައްވަންޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވަނިކޮށެވެ.

އަދި ދާދިފަހުން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވަނީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކޮށް އެ ކުށް ސާބިތުކޮށް ނުދެވޭ ނަމަ އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައި އެވެ.

ރައީސް އެ ވިދާޅުވި ޖީނާއީ ދައުވާ ކުރުމުގެ ބާރު އޮންނަނީވެސް ހަމައެކަނި ޕީޖީ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް