ބޭންކް އޮފް މޯލްޑިވްސް ގެ ހިއްސާދާރުން މިރޭ 2014 ގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއްކަމަށްވާ 86.1 މިލިއަން ރުފިޔާ (ހިއްސާއަކަށް 16ރ) ބެހުމަށް ފާސް ކޮށްފިއެވެ.
އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރަކީ ބޭންކަށް މާލީގޮތުން ވަރަށް ހަރުދަނާ ކުރިއެރުންތަކެއް ލިބި، ހިންގުމުގެ ފައިދާ ފުރަތަމަ ފަހަރަށް 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި ޖުމްލަ އެސެޓަށް 23 އިންސައްތައިގެ ކުރިއެރުމާއެކު ބޭންކުން ދަނީ ދިވެހި ފަރުދުންނަށާއި ވިޔާފާރިތަކާއި އަދި ކުންފުނިތަކަށް ލޯނު ދޫކުރަމުން ކަމަށެވެ. އަދި ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ބޭންކުން ބުނެ އެވެ.
ރޭ ބޭއްވުނު ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، 2014 ވަނަ އަހަރަށް ބަލާލާއިރު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ކުރެވިފައިވާ ތަފާތު މުހިންމު އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތް އަހަރުތަކުގައި މި ބޭންކުގެ ކަސްޓަމަރުންނަށާއި މުޅި ޤައުމަށް ބޮޑެތި ފައިދާތައް ކުރަމުންދާނެކަން ކަމަށެވެ. މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި މުޅި ބޭންކުގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު ޓެކްނޮލޮޖީ ބަދަލުކުރުމުގެ ޕްރޮގްރާމާއި، މުޅި ޤައުމަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓް ހިމެނޭ ކަމަށާއި އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އެތަކެއް މަސައްކަތެއްކުރެވި، މިލަނޑުދަނޑީގެ ދެބައިކުޅައެއްބައިވަނީ ޙާސިލް ކުރެވިފައި ވާކަމަށް ހީލީ ވިދާޅުވި އެވެ.
އަދި މިމަސައްކަތުގެ ތެރޭގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށް ބްރާންޗްތައް ޒަމާނީ ފެންވަރަށް ބަދަލުކުރެވުނު ކަމަށާއި އެހެން ކަމުން 2014 ގައި ލިބުނު ފައިދާއަކީ އިންވެސްޓްމަންޓްތަކެއް ނުކޮށް ހޯދި ކާމިޔާބީއެއްނޫން ކަމަށާއި ބޭންކުން ވަނީ މުޖްތަމައުތަކަށް، ޓެކްނޮލޮޖީއަށް އަދި ދިގުމުއްދަތުގެ ފައިދާއަށް ހަރުދަނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް ވަރަށް ބޮޑެތި އިންވެސްޓްތަކެއް ކޮށްފައި ކަމަށްވެސް ހީލީ ވިދާޅުވި އެވެ.
ހީލީ އިތުރަށް ވިދާޅުވީ ބޭންކުގެ އެންމެހާ މުވައްޒަފުންނާއި ބޯޑުން ކޮށްދީފައިވާ ބުރަ މަސައްކަތަށާއި ދެއްވާފައިވާ އެއްބާރުލުމަށް މި ޝުކުރު އަދާކުރާ ކަމަށާއި މިފަދަ ރަނގަޅު ނަތީޖާއެއް ދެމެހެއްޓުމުމގެ އަމާޒުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި 2015 ގައި އިތުރަށް ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ޚިދުމަތް ދިނުމަށް އިތުރަށް އިންވެސްޓްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެފަރާތްތަކުގެ އަމާޒުތައް ހާޞިލުކުރުމަށް އެހީތެރިވެ، ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅުކޮށް އެންމެން ފަޚުރުވެރިވާފަދަ ބޭންކެއް ބިނާކުރުމަށް މަސައްކަތްކުރަމުން ދާނެ ކަމަށްވެސް ހީލީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް