އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި " "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އިން އެ ކޮމިޝަންގެ މެންބަރު، ސ. ހިތަދޫ، ސީސަންމާގެ، ޑރ. މުޙައްމަދު ޙަބީބު ވަކިވެވަޑައިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޙަބީބު އެ ކޮމިޝަނުން އިއްޔެ ވަކިވެވަޑައިގަންނަވަން ނިންމެވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާއި ޢާއިލީ ގޮތުން ގުޅުން އޮންނާތީއެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި 10 ވަނަ ފަންގިފިލާއާއި ދެމެދުގެ ވައިގޮޅިން ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޙާއްޞަ ކޮމިޝަނެއް އުފެއްދެވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސީ ޑރ. ހަބީބްގެ އިތުރުން އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ޑރ. މުޙައްމަދު މުނައްވަރުގެ އިތުރުން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދެވެ.
ގިނަ ބާރުތަކަކާއެކު އުފެއްދެވި އެ ކޮމިޝަންގެ މަސައްކަތް ފެށިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް