ދިވެހި ފިލްމު "ބަވަތި" މީޑިއާނެޓުގެ ވީޑިއޯކްލަބަށް

2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރި "ބަވަތި" ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނަން ވިދާލި ފިލްމެކެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗ...

28 Apr 2024 | 17:10

2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރި "ބަވަތި" ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނަން ވިދާލި ފިލްމެކެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު ކަމުގައިވާ "ބަވަތި" ފިލްމު އޮލިމްޕަސް ސްކްރީނުގައި ބެލި ގިނަބަޔަކުވަނީ އެ ފިލްމަށް ތަޢުރީފުގެ ބަސްތައް އޮއްސާލާފައެވެ.

އޮލިމްޕަސް ސްކްރީނުގައި މި ފިލްމު ނުބެލުނު ފަރާތްތަކަށް ދެން އޮތީ އުފާވެރި ޚަބަރެކެވެ. މީޑިއާނެޓުގެ ވީޑިއޯކްލަބަށް 01 މެއި ވާ ބުދަ ދުވަހު މި ފިލްމު ބެލުންތެރިންނަށް ބަލާލެވޭނެއެވެ.

ބަވަތި މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާގެ ފިލްމެކެވެ. ނަމަވެސް ފިލްމު ބަލަމުންދާއިރު މިއީ ބިރުވެރި ފިލްމެއްތޯ ސުވާލު އުފެދޭ ވަގުތުތައް ވެސް އަންނާނެއެވެ. މި ފިލްމަކީ ފުރިހަމަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އިބްރަތްތެރި މެސެޖެއް ލިއްބައިދޭގޮތަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ. މުޅި ސްކްރީންޕްލޭގައި ސަސްޕެންސް ހިފަހައްޓާފައިވާ މިންވަރުން އެކަނިވެސް ފިލްމުގެ ފުރިހަމަކަން ފެނިގެންދެއެވެ.

ފިލްމުގެ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާގައި އެންމެ މޮޅު އެއް ބަތަލާކަމަށް ގިނަ ބަޔަކު ސިފަކުރާ ނުޒޫ އަދި އެކްޓަރު އިފްނާޒެވެ. ފިލްމުގެ ނަމުން ނަމަ ޝެހެނާޒާއި އިބޫއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިފްނާޒުގެ ކެރެކްޓަރ ނުޒޫ ދިރިއުޅޭ ރަށަށް ފިޓްނަސް ކްލާސްތަކެއް ނަގާދިނުމަށް ކުރާ ދަތުރުގައި ނަޒޫގެ ކެރެކްޓަރ އާއި ދިމާވެ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށެވެ. މުޅިން އަލަށް ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އަދި ނުޒޫގެ އެކްޓިންގްއަށް މި ފިލްމު ބެލި ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ. މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ތަޖުރިބާކާރު އެކްޓަރު ދަރާ ރަޝީދު އަދި ފާތުންގެ އެކްޓިންގްވެސް ފާހަގަކޮށްލެވެއެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފިލްމުގެ ވީއެފްއެކްސް ތައްޔާރުކޮށްފައިވާ ގޮތް އަދި މޭކަޕްގެ ވާހަކަ ދައްކާނުލާ ދޫކޮށްލެވޭކަށް ނެތެވެ. "އޯރކޭޒް އިންކް" ގެ ފަރާތުން ވަނީ މީގެ ކުރިން ދިވެހި ފިލްމީ އިންޑަސްޓްރީގައި ނުފެންނަ ފެންވަރުގެ އާދަޔާ ޚިލާފު މޮޅު ވީއެފްއެކްސް އިފެކްޓްތަކެއް މި ފިލްމުގައި ގެނެސްދީފައެވެ. ފިލްމުގެ މޭކަޕް އާރޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މޭކަޕް އާރޓިސްޓް ރުތުބާއެވެ. ފިލްމުގެ ޓްރެއިލާއިން އެކަނިވެސް މިކަންވަނީ ފާހަގަވެގެން ގޮއްސައެވެ. "ބަވަތި" މި ފިލްމު ފުރިހަމަކަމުގެ ނަތީޖާއެއް ގޮތުން މި ފިލްމުވަނީ 2021ވަނަ އަހަރުގެ "ކަރްނާޓަކާ ފިލްމު ފެސްޓިވަލް" ގައި ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީ ތަމްސީލުކޮށްފައެވެ.

މި ފިލްމު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް ގާތްވެފައިވާ އިރު މިއީ އެ ފަރާތުން މި އަހަރުތެރޭ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާ 04 ވަނަ ދިވެހި ފިލްމުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވީޑިއޯކްލަބުންވަނީ "ނޮވެމްބަރ"، "ނީނާ" އަދި "ކަޅަކި" ވީޑިއޯކްލަބް ލައިބްރަރީގައި ހިމަނާފައެވެ. މި ހުރިހާ ފިލްމަކީވެސް ސިނަމާތަކުގައި މަގްބޫލުކަމާއި ކާމިޔާބު ފިލްމުތައްކަން ފާހަގަކޮށްލެވެއެވެ. އިތުރު ފިލްމާއި ސީރީޒް މިއަހަރުތެރޭ ރިލީޒްކޮށް ވީޑިއޯކްލަބް ޚިދުމަތް މިއަހަރުތެރޭ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ދިވެހި އަމިއްލަ އުފެއްދުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުނިފީހިފިލުވަނިވި ފިލްމާއި ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯނުގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް މި ކޮންޓެންޓް އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީ އިން އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް