ނިމިދިޔަ ރޯދަމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެގޮތަށް ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަހުމީ ވިދާޅުވީ ބިލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ރޯދަ މަސް ފެށޭ ދުވަހާއި ނިމޭ ދުވަހު މާލޭގެ ހުރިހާ ތަނަކުން ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައެވެ. އެހެން ކަމުން ލުއި ދީފައި ވަނީ ރޯދަ މަހުގެ ބޮޑުބައެއް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ބިލް ތަކުގައި ތަފާތެއް އުޅުނުނަމަވެސް އެ ބިލްތައް ހަމަޖައްސާފައިވާނީ ޖެހިގެން އައި މަހުގެ ބިލުން ކަމަށް ފަހުމީ ވިދާޅުވިއެވެ.
ރޯދަ މަހުގައި ފެނާއި ކަރަންޓު ހިމެނޭހެން ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވާނީ ރައްޔިތުންނަށް ދެވިފައި ކަމުގައި ފަހުމީ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިން އާއްމުގޮތެއްގައި ބިލްކުރަމުން އަންނަނީ މަހުގެ 25 އިން އަނެއް މަހުގެ 24 ގެ ނިޔަލަށް ކަމަށްވުމުން، ޑިސްކައުންޓުދިން ބިލްގައި ހިމެނިފައިވަނީ ރޯދަ މަހުގެ އެއްބައި ކަމަށްށެވެ. ޑިސްކައުންޓު ދީފައިވާނީ ރޯދަ މަހުގައި ނުހިމެނޭ ދުވަސް ތަށްވެސް ހިމަނައިގެން އެވަރޭޖަށް ވުރެން އިތުރުވި ބަޔަށް ކަމުގައި މުއާޒު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ބިލުން އެއްވެސް ޑިސްކައުންޓެއް ނުލިބޭ ނބިލްތަކާއި، އާއްމު މަސް މަހަށް ވުރެން އިތުރު ނުވާ ބިލްތަކަށް ޖެހިގެން އައި މަހުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ފުރަތަމަ މަހުގެ ބިލުން ޑިސްކައުންޓު ނުލިބޭ ބިލްތަކަށް ވެސް ޑިސްކައުންޓު ދޭނެ ކަމުގައި މުއާޒް ވަނީ ވިދާޅުވެފައެވެ. ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ފެނަކައިން ދެވިފައިވާކަމުގައި މުއާޒް ވިދާޅުވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް