ކުރިން އޮތީ އެންމެ 12 މޭލު، މިހާރު މި ލިބުނީ މާ ބޮޑު ސަރަހައްދެއް: ރައީސް ސޯލިހް

އިޓްލޮސް އިން މިއަދު ނިންމި ނިންމުމުން ރާއްޖޭއަށް ލިބިގެން މި ދިޔައީ އިގްތިސާދީ ސަރަހައްދުން މާ ބޮޑު ސަރަހައްދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯ...

28 Apr 2023 | 18:04

އިޓްލޮސް އިން މިއަދު ނިންމި ނިންމުމުން ރާއްޖޭއަށް ލިބިގެން މި ދިޔައީ އިގްތިސާދީ ސަރަހައްދުން މާ ބޮޑު ސަރަހައްދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ސުވާލު ތަކުރާރުކޮށް ނޫސްވެރިން ރައީސް ސޯލިހަށް ކުރިމަތިވެގެންދިޔައިރު ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކުރިން ރާއްޖެއަށް އޮތީ ގާނޫނު އަސާސީގަ ބުނާ 12 މޭލުގެ ސަރަހައްދު ކަމަށާއި އެހެން ނަމަވެސް ރަސްމީ ސިފައެއްގައި މިއަދު ރާއްޖެއަށް މާ ބޮޑު ސަރަހައްދެއް ލިބިގެންގޮސްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރައީސް މޮރިޝަސްގެ ބޮޑު ވަޒިރަށް ފޮނުއްވި ސިޓީ ފުޅާއި ގުޅޭގޮތުންވެސް ރައީސް ސޯލިހަށް މިއަދު ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ ސިޓީގައިވާ ހުރިހާ ވާހަކައެއް އިޓްލޮސްގެ ނިންމުމުގެ ފައިނަލް ލިޔުމުގައި އެބަ އޮތް ކަމަށާއި އިތުރު އެއްވެސް ވާހަކައެއް އެ ސިޓިގައި ނޯންނާނެ ކަމަށެވެ.

އެހެންކަމުން އެ ސިޓީ ހާމަކުރައްވާނެތޯ ރައީސް ކުރެން ނޫސްވެރިން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއް ގައުމެއްގެ ވެރިޔަކު އަނެއް ގައުމެއްގެ ވެރިޔަކަށް ފޮނުވާ ލިޔުން އެގޮތަށް ހާމަކުރަންވެއްޖެނަމަ މިފަދަ ކޮންމެ ސިޓީއެއް ދެން ވެގެންދާނީ ޕަބްލިކް ޑޮމެއިންގައި ހިމެނޭ ލިޔުމަކަށް ކަމަށާއި އެކަން އެހެން ކުރެވެން ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް