ޗާގޮސް މައްސަލައިގާ މިއަދު އިޓްލޮސްގައި ނެރެވުނު ނަތީޖާއާއިމެދު ވަރަށް ހިތްހަމަޖެހޭކަމުގައި ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ރިއްފަތު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕްގެ ދަށުން ދިވެހި ސަރުކާރުން ރާއްޖޭގެ މަސްލަހަތު އެންމެ ފުރިހަމައަށް ކަށަވަރު ކުރުމަށް ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
"މި ނަތީޖާއާއިމެދު ވަރަށް ހިތްހަމަޖެހޭ" ރިއްފަތު ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި މޮރިޝަސް އާއި މެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި އިޓްލޮސްއިން މިއަދު ނިންމީ އިން މިންކުރަން ފަށާނީ މޮރިޝަސް އިން ހުށަހެޅި ޕޮއިންޓްތަކުން ނޫން ކަމަށެވެ. އިޓްލޮސްގެ ޗެމްބަރ ގެ އެ ނިންމުން ސަރުކާރުން ސިފަ ކުރަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
https://twitter.com/ibriffath/status/1651937787241791489
ރިއްފަތު، އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއަށް މޮރިޝަސްއާއި ވީ ފަޅިން މެރިޓައިމް ބައުންޑަރީއެއް މިހާރު ލިބިފައިވާކަމަށާއި އިޓްލޮސްގެ ހާއްސަ ރިޔާސަތުން ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ފަހިވާގޮތަށް ކަމަށެވެ.
އެހެން ނަމަވެސް އިދިކޮޅުން އަދި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ގަބޫލުކުރަނީ ކާމިޔާބީއަކަށްވުރެ ބޮޑަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދިޔަ ކަމަށެވެ. ސަބަބުތަކެއް ކަމަށް އެ ފަރާތްތަކުން ބުނަނީ މިކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމާއި މައްސަލަ ކުރިއަށްދަނިކޮށް ޗާގޮސް މައްސަލައިގާ ރާއްޖެއިން ކުރިން ގެންގުޅެމުން އައި ސްޓޭންޑް ބަދަލުކޮށް ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަކަން ހާމަކޮށް ރައީސް ފޮނުއްވި ސިޓީފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް