މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުޖުތަމައަށް އެހީވުމަށް ކޮމިއުނިޓީ ފަންޑެއް ތައާރަފުކޮށް އެ ފަންޑުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލުން ބުނީ ޕޯޓް ކޮމިއުނިޓީ ފަންޑުގެ ނަމުގައި ތައާރަފު ކުރި މި ފަންޑުން އެހީ ދޭނީ މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް ކަމަށެވެ.
މިކަން ހާމަކޮށް އެމްޕީއެލް އިން ބުނީ ފަންޑުން އެހީ ދިނުމަށް ޕޮއިންޓް ދިނުމުގައި އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ ކަމަށެވެ.
އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދޭނެކަމަށާއި މީގެ އިތުރުން ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭއިރު ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެކަމަށް އެމްޕީއެލުން ބުނެފައި ވެއެވެ.
އެމްޕީއެލުން ބުނީ އެ ކުންފުނިން އަހަރަކު 10 މަޝްރޫޢުއަށް އެހީވުމަށް ނިންމާފައިވާ ކަމަށާއި މުޅި ޖުމްލަ ފަންޑަކީ 600،000 ރުފިޔާ ކަމަށެވެ.
މިގޮތުން 3 މަހަށް ހިންގާ ކުދި 8 މަޝްރޫޢު ހިންގުމަށް ކޮންމެ މަޝްރޫޢަކަށް 50،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށާއި އެއް އަހަރު ދުވަހަށް ހިންގާ ބޮޑު ދެ މަޝްރޫއު ހިންގުމަށް ކޮންމެ މަޝްރޫޢަކަށް 100،000 ރުފިޔާ ވަނީ ކަނޑައަޅާފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން އެމްޕީއެލުން ބުނީ އެ ކުންފުނީގެ ކޮމިއުނީޓ ފަންޑުގެ މަޝްރޫޢުތަކަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ކުރިމަތި ނުލެވޭނެ ކަމަށާއި ނަމަވެސް ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް