އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނުވަރަކަށް އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ: ޚުތުބާ

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނުވަރަކަށް އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ "އަމަލުތަކު...

28 Apr 2023 | 08:08

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނުވަރަކަށް އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ "އަމަލުތަކުގައި އިހްލާސްތެރިވުން" މި މައުލޫއެވެ.

މި މައުލޫއަށް އަލި އަޅުވައިލަމުން ހުކުރު ހުތުބާގައި ބުނެފައިވަނީ އަހަރެމެން އެތާނގެމަތީގައި ދިރިއުޅޭ މިބިން، މާތްﷲ ވަނީ އަހަރެމެންނަށްޓަކައި ކިޔަމަންކޮށްދެއްވާފައި ކަމަށާއި އަހަރެމެންގެ ދިރިއުޅުމަށް ބޭނުންވާ ކަންޒުތަކާއި، ބާރުތަކާއި، ހަކަތަތަކާއި، މުއްސަނދިކަން އެ ބިމުގެ ތެރޭގައި ރައްކައުކޮށް ދެއްވާފައިވާކަމަށެވެ. އިންސާނާގެ މައްޗަށް އޮތީ، މި ތަކެތިން ފައިދާ ލިބިގަތުމަށްޓަކައި، އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.

"އިސްލާމްދީނުގައި އަމަލުތައް ގަބޫލުކުރައްވާނީ ﷲ سُبْحَانَهُ وَتَعَالَى‎ ގެ ވަޖްހުފުޅަށްޓަކައި، ކުރެވޭ ކަމަކަށް ވާނަމައެވެ. ﷲގެ ހަޒްރަތުން ދަރުމައަށްއެދި، އެއްވެސް ކަންދެއްކުމެއް ނެތި، އިހްލާސްތެރި ކަމާއެކު އެކަމެއް ކޮށްގެންނެނެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ހިތްނިޔަތް ރަނގަޅުކޮށް، ކުރާ ކަންތައްތައް ﷲ އަށް ހާލިސްކުރުމަކީ، ދުންޔަވީ އަމަލުތަކުގެ ދަރަޖައިން، އަޅުކަމުގެ ދަރަޖައަށް އެ ކަންތައްތައް ބަދަލުވެގެންދާނެ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ހަމަ އެފަދައިން ނިޔަތް ނުބައިވުމުގެ ސަބަބުން، ހެޔޮ އަމަލުތައް ފައިދާއެއް ނެތް ދުންޔަވީ ކަމަކަށް ބަދަލުވެގެން ދާކަމަށެވެ.

މިސާލެއްގެ ގޮތުގައި ބުނެފައިވަނީ އިންސާނަކަށް މާތް ﷲ ދެއްވާފައިވާ މުއްސަނދިކަން ބޭނުންކޮށްގެން، ބޮޑުގަނޑުވަރެއް އިމާރާތްކޮށް، އެތާނގެ ވަށައިގެން ބޮޑު ބަގީޗާއެއް ހައްދައިފާނެއެވެ. އޭނާއަކީ މި ގަނޑުވަރާއި، މި ބަގީޗާގެ ތެރޭގައި ބޮޑު ރަސްކަލެއް ފަދަ މީހެކެވެ. އޭނާ މި ގަނޑުވަރު އެޅީ، މީސްތަކުންނަށް އެ ތަނުން ފައިދާއެއް ކޮށްދިނުމަށް ކަމަށް ވާނަމަ، ނުވަތަ މީހުންނަށް އެތަނުން މޭވާއާއި ހިޔާ ދިނުމަށް ކަމަށްވާނަމަ އެއީ މެދުކެނޑުމެއް ނެތް ސަދަގާތެއް ކަމަށެވެ.

"ދުނިޔޭގެ އަރާމާއި، ނަފްސުގެ ބައެއް އެދުންތަކަކީވެސް، ރަނަގޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެނަމަ، ﷲގެ ހަޒްރަތާ ކުއްތަން ކުރުވަނިވި އަމަލެކެވެ. ތިމާ ކައި ބޮއި އުޅެނީ އެއިން ހަށިގަނޑުގައި ވަރުޖައްސައި، ﷲ އެންގެވި ގޮތަށް ދިރިއުޅުމަށްޓަކައި ފުރިހަމަ ސިއްހަތެއް ހޯދުމަށް ކަމުގައިވާނަމަ، އެއީ ސަވާބު ލިބޭނެ ކަމެކެވެ. ތިމާގެ ދަރިންނަށާއި އަނބިންނަށް، ހަލާލު މަސައްކަތުން ހޯދާ ހަލާލު ތަކެތި ކާންބޯން ދިނުމަކީ ސަވާބު ލިބޭނެ ކަމެކެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާގޮތުގައި ﷲގެ ސަވާބާއި، ރުހިވޮޑިގަތުމަކީ، ބޭރުފުށުގެ އަމަލަކުން ހާސިލުކުރެވޭނެ ކަންކަމެއް ނޫނެވެ. މާތް ﷲ ބައްލަވައި ވޮޑިގަންނަވަނީ، ބޭރުފުށަކަށް ނޫނެވެ. އެހެނަސް މީސްތަކުންގެ ހިތްތަކަށާއި އަމަލުތަކުގެ އިހްލާސްތެރި ކަމަށެވެ.

" ކުރާ އަމަލާއި މަސައްކަތުގައި، އިހްލާސްތެރިކަމެއް ނެތް ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް އެވާނީ ފާސިދު އަމަލުތަކަކަށެވެ. އެއީ ތިމާ ކުރާ އަޅުކަން ކަމުގައިވިޔަސްމެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނުވަރަކަށް އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ފަހްރުވެރިވުމަށާއި، މަސްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިހްލާސްތެރިކަން ފަނޑުވެގެންދާނެ ކަމަށާއި ﷲ ގަބޫލުކުރައްވަނީ އެއްވެސް ކިލަނބުކަމެއްނެތް، ސާފު ސާލިހް އަމަލުތަކެއް ކަމަށެވެ. އިސްލާމްދީން ދެކޭގޮތުގައި، ކަންދެއްކުމަކީ، ޝިރްކުގެ ބާވަތެއް ކަމާއި އަހަރެމެންގެ ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށެވެ.

"އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އޭނާ ކުރާ ހުރިހާ މަސައްކަތަކީ، މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އޭނާ މަސައްކަތްކުރާ ތަނުގެ މަސްލަހަތައްޓަކައި، ކުރާކަމެއް ކަމުގައި ހަދާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟" ޚުތުބާގައި ސުވާލު އުފައްދާފައިވެއެވެ.

ޚުތުބާ ނިންމާލަމުން ބުނެފައިވަނީ އިހްލާސްތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއް މައިދާނަކީ އިލްމާއި ސަގާފަތުގެ މައިދާން ކަމަށާއި މާތް ﷲ އިންސާނާއަށް ދެއްވި އެންމެ މާތް އެއް ނިއުމަތަކީ އިލްމު ކަމުގައިވާއިރު، މި އިލްމު ނުބައި މަގްސަދެއްގައި ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ.

"މިއަދު ދުނިޔެއާއި ކުރިމަތިވެފައިވާ ނިއުކްލިއަރ ހަތިޔާރުގެ ބިރާއި، ތިމާވެށި ހަލާކުވުމުގެ ބިރުގެ އެންމެ ބޮޑު ސަބަބަކީ އިލްމުވެރިން އީޖާދުކުރި ގެއްލުންހުރި އީޖާދުތަކެވެ." ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމްދީން މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ގޮވައިލަނީ އިލްމު އުނގެނުމާއި އުނގަންނައި ދނުމުގައި އާންމު މަސްލަހަތު ކުރިއަށް ނެރުމަށް ކަމަށއި ބޮޑާކަމާއި މޮޅުކަން ދެއްކުމަށްޓަކައި އިލްމު އުނގެނުމަކީވެސް އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެއްކަން ޚުތުބާގައި ހަނދުމަކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް